ENGLISH
04 ޖޫން 2026
އީރާން-އެމެރިކާ ހަނގުރާމަ: ސަހުޔޫނީންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ކުރާ މަސައްކަތް
03 ޖޫން 2026
|
އެންމެ މަޤްބޫލު
ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތާއި އެއްބައި އެމެރިކާއިން އިރާނުގެ ސިޔާދަތާއި އިސްތިގުލާލަށް ގޮންޖަހައި އެގައުމަށް ހަމަލާދިންތާ މިއަދަށް 93 ދުވަސްވީއެވެ. މިދިޔަ އަހަރު ދެ ގައުމުން ހަމަލާތައް ބަދަލުކުރިނަމަވެސް މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި ހަމަލާތައް އައުކުރީ ސަހުޔޫނީން ބިރުގަންނަ އިރާނުގެ ވެރިންތަކެއް ޝަހީދުކޮށްލުމާއެކުގައެވެ.
އޭގެ ތެރެއިން އެއްބޭފުޅަކީ އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއެވެ. ހާމަނާއީ އަކީ ހުޅަނގުން ބިރުގަންނަ ބޭފުޅެއްކަން ހާމަވަނީ އެމަނިކުފާނު ޝަހީދުކޮށްލުމުގެ ކުރިން ސަހުޔޫނީންގެ އިސް މީހުން ދެމުންދިޔަ އިންޒާރުތަކުންނެވެ. ސަހުޔޫނީންގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޝަހީދުކޮށްލާފައިވާ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަށް ހެދިގޮތް އަލީ ހާމަނާއީއަށް ހަދަންޖެހިދާނެކަމަށް ބުނެ އިންޒާރުދީފައެވެ. އިރާނަށް ދެމުންދިޔަ ހަމަލާތަކުގެ ތެރެއިން ކުއްލިއަކަށް ސަހުޔޫނީން ސައްދާމްގެ ވާހަކަ ގެނައި ގޮތަށްވެސް މިހާ ހިސާބުން ބަލާލަންޖެހެއެވެ.
އަލީ ހާމަނާއީއާ ސައްދާމް. މިއީ ފަހުގެ އިސްލާމީ ތާރީހު ދުށް ވަރުގަދަ ލީޑަރުންކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ.
ރައީސް ސައްދާމަކީ 1991 ވަނަ އަހަރު ފަލަސްތީނުގެ ހައްގުގައި، އިރާގުގެ ފަަސްގަނޑުން ބެލެސްޓިކް މިސައިލުންނާއި ސްކަޑް މިސައިލުން އިސްރާއީލަށް ހަމަލާ ދެއްވި ޖެހިލުން ކުޑަ ފަހުލަވާނެކެވެ. މިހަމަލާތަކުގައި ސަހުޔޫނީ އިސްރާއީލުގެ 4،100 އިމާރާތް ހަލާކުވެ، 74 މީހުން މަރުވިއެވެ. މިއީ މިހާތަނަށްވެސް އަރަބި އެއްވެސް ލީޑަރަކަށް ކުރަން ކެރިވަޑައިގެން ކަމެއް ނޫނެވެ.
ސައްދާމް ދަންޖައްސާފައި ވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 30ވަނަ ދުވަހުއެވެ. އެއީ އެ އަހަރުގެ ބޮޑު އީދު ދުވަހު އެވެ. ސައްދާމް ހުސައިން އިރާގުގައި ވެރިކަންކުރެއްވީ 1979 އިން 2003 އަށެވެ.
ސައްދާމު ދަންޖެއްސުމުގެ ހަތަރު ދުވަސް ކުރިން ދެއްވި މެސެޖްގައި ވަނީ އެމެރިކާއާ ދެކޮޅަށް އުއްމަތް އެއްބައިވުމަށް ގޮވާލައްވައިފަ އެވެ. އަދި ދުނިޔެ ދޫކޮށް ދަނީ ޝަހީދެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެއެވެ.
އަލީ ހާމަނާއީ އަކީ މިޒަމާނުގައި ސައްދާމު ދެއްކެވި ފަދަ ހިތްވަރާއި ނުގުޑާ އަޒުމް ހުޅަނގުގެ ބާރުތަކުގެ ކުރިމަތީގައި ދެއްކެވި ފަހުލާނެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އިސްވެދެންނެވުނު ގޮތަށް ހަނގުރާމައިގެ ދެވަނަ ބުރު އެމެރިކާއިން ފެށީ މުސްލިމް އުއްމަތުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދިޔަ ބޭފުޅުން ޝަހީދުކުރަމުންނެވެ.
ދެން އުފެދޭ ސުވާލަކީ އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް "މަތިންބައިންޖެހިގެން" ވަދެގަތް ސަބަބާމެދުގައެވެ.
"އެމްއެމްޓީވީ"ގެ "އަދުގެ ދުނިޔެ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބޭރު ދުނިޔޭގެ މަސްރަހު ދިރާސާ ކުރައްވާ އިމާދު ލަތީފްވެސް އުފެއްދެވީ މި ސުވާލެެވެ.
އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމްގައި ދުނިޔޭގެ މަސްރަހް ދިރާސާކުރައްވާ އިމާދް ލަތީފް ބައިވެރިވެވަޑައިގަންނަވަނީ.
އިމާދު ވިދާޅުވީ އެމެރިކާއާއި އިރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާއިރު އެމެރިކާ ބައްޓަންކުރަނީ ސަހުޔޫނީން ކަމަށެވެ.
"އެމެރިކާއަކީ މާދުރުގައި އޮތް ދައުލަތެއް، އެމެރިކާއަކާ ބެހޭކަމެއްވެސް ނޫން އަނެއްހެން ބަލާކަމަށްވެއްޖީއަ، އެކަމަކު މެދުއިރުމައްޗަށް އަތްބާނަނީ ބައެއްގެ މަސްލަހަތަށްޓަކައި، އެއީ ކޮންބައެއްގެ މަސްލަހަތަށްޓަކައި؟.ޒައިނިސްޓުންގެ މަސްލަހަތަށްޓަކައި، އެއީ ބަޔަކަށް އޮޅިފައިވާކަމެއްވެސް ނޫން،". އިމާދު ވިދާޅުވިއެވެ.
މިކަމަށް ބާރު ދެއްވައި އިމާދު ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން އަންނަނީ އިރާނަށް ދެމުން އަންނަ ހަމަލާއަކީ ސަހުޔޫނީންގެ ދިފާއުގައި ދެމުން އަންނަ ހަމަލާތަކެއްކަމަށެވެ.
އީރާނާއި ސަހުޔޫނީންގެ މައްސަލައިގެ ތެރެއަށް އެމެރިކާ ތަދައްޚުލްވުމަކީ ސަރަހައްދީ ބާރުވެރިކަން ދެމެހެއްޓުމަށާއި ސަހުޔޫނީންގެ ސަލާމަތީ ކަންކަން ހިމާޔަތްކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ. އިސްރާއީލުގެ މަސްލަހަތުތައް ރައްކާތެރިކުރުމަށް ހިންގާ ޖަރީމާގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މަސްރަހަށްވެސް ވަނީ ބުރޫއަރާފައެވެ.
އިރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ މައިގަނޑު އިސްތިރާޖީތައް:
* އީރާނުގެ ބެލިސްޓިކް މިސައިލް އުފެއްދުމުގެ ޤާބިލުކަން ކުޑަކުރުމަށާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ބަލިކަށިކުރުމަށާއި، އަދި އިސްރާއީލަށް އޮތް ނުރައްކާތައް ނައްތާލުމަށްޓަކައި އެމެރިކާއިން ދަނީ ސީދާ އަސްކަރީ ޙަމަލާތައް ދެމުންނެވެ. މީގެ ތެރޭގައި ކަނޑުގެ މަގުން ބަންދުކުރުމާއި، އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްދޭ ހަމަލާތައް ހިމެނެއެވެ.
* ބާރުރުގެ ބޭނުންކޮށްގެން މަޖުބޫރުކުރުވުން: އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން ސިޔާސީ ގޮތުން ދޫދޭން މަޖުބޫރުކުރަމުންނެވެ. މީގެ ބޭނުމަކީ އީރާނުން އަލުން ބާރުވެރިވުން ހުއްޓުވުމާއި، ސަރަޙައްދުގައި ހަރަކާތްތެރިވާ އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމެވެ.
* އެމެރިކާއާއި އިސްރާއީލުގެ ދިފާއީ އިދާރާތަކުން ދަނީ ސަރަހައްދީ ސަލާމަތީ އައު ނިޒާމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ މައިގަނޑު އަމާޒަކީ ގަލްފުގެ ގައުމުތަކާއި ބައިނަލްއަގްވާމީ ބައިވެރިން ގުޅިގެން އީރާނު އެކަހެރިކުރުމެވެ. އަދި މެދުއިރުމަތީގެ އިތުރުން އެފްރިކާގެ ސަރަހައްދުތަކުގައިވެސް އީރާނުގެ ނުފޫޒު ކުޑަކުރުމެވެ.
އެމެރިކާއިން އިރާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން.
ބަރާބަރު 93 ދުވަހަަސްފަހު މިއަދު އަނެއްކާވެސް ހަމަލާތައް މިވަނީ ފެށިފައެވެ. ހަމަލާތައް އަލުން ފެށުނީ ހުރުމުޒް ކަނޑުއޮޅި ކައިރީގައި އޮތް އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާގެ ފައުޖުތަކުން ހަމަލާދީ، އެ އުޅަނދުގެ އިންޖީނު ރޫމަށް ގެއްލުން ދިނުމާ ހިސާބުންނެވެ. ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގެ ދެލިކޮޕީ އޮތީ ވާންވީ ގޮތެއް ނޭނގި މޭޒުމަތީގައެވެ.
މިއަދު އަނެއްކާވެސް މިވަނީ މެދުއިރުމަތީގެ ހާލަތު ދެން ވާނެގޮތަކާމެދު ސުވާލު އުފެދިފައެވެ.