ENGLISH
04 ޖޫން 2026
ހަނގުރާމަ އާއި ދަތިކުރުންތަކުގެ ތެރެއިން ވޯލްޑް ކަޕަށް އިރާގުން ކުރި 40 އަހަރުގެ ދިގު އިންތިޒާރު
03 ޖޫން 2026
|
މާރިޗު މަހު ކުޅުނު ޕްލޭއޮފް މެޗުން މޮޅުވެ، ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިރާގުން ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކުރި މެޗަށްފަހު ---
އެންމެ މަޤްބޫލު
ހަނގުރާމަ އާއި، ހަމަނުޖެހުންތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކަސްތޮޅުއެޅިފައި އޮތް އިރާގު، މި އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކުރީ މެކްސިކޯގައި ކުޅުނު އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ފައިނަލްގައި ބޮލީވިއާ ބަލިކުރުމަށްފަހުގައެވެ.
މީގެ 40 އަހަރު ކުރިން، އެ ގައުމުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރީވެސް ހަމަ މެކްސިކޯގެ ބިމުގައެވެ. "ލަޔަންސް އޮފް މެސޮޕޮޓޭމިއާ" (އިރާގުގެ ގައުމީ ފުޓްބޯޅަ ޓީމު) ޕެރަގުއޭ، ބެލްޖިއަމް އަދި މުބާރާތް ބޭއްވި ގައުމާ ދެކޮޅަށް ކުޅުނު ތިން މެޗުން ބަލިވިއިރު، ކަރީމް އައްލަވީއަކީ އެ ޓީމުގެ ކުޅުންތެރިއެކެވެ. ނަމަވެސް މިއަދު އޭނާއަކީ އެ ޓީމުގެ ސަޕޯޓަރެކެވެ. އޭނާގެ އުއްމީދަކީ މި ފަހަރުގެ މުބާރާތުގައި ނޯވޭ، ފްރާންސް އަދި ސެނެގޯލް ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް، މީގެ ކުރީގެ ނަތީޖާތަކަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
މިހާރު އުމުރުން 66 އަހަރުގެ އައްލަވީއާއެކު، ފުޓްބޯޅައަށް ލޯބިކުރާ އިރާގުގެ 46 މިލިޔަން ރައްޔިތުން، ޖޫން 16 ވަނަ ދުވަހު ނޯވޭއާ ދެކޮޅަށް ކުޅޭ މެޗު ބަލާނެއެވެ.
"މިއީ ހަގީގަތުގައިވެސް މަރުގެ ގްރޫޕެއް. 1986 އަށްވުރެވެސް މިއަދު އޮތް ގްރޫޕް އުނދަގޫ،" - އައްލަވީ ބުންޏެވެ.
ވޯލްޑް ކަޕުގެ ގްރޫޕް އައިގައި އިރާގު ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނޭ ފްރާންސަކީ ދުނިޔޭގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދާފައިވާ ގައުމެކެވެ. ނޯވޭއަކީ ޔޫރަޕުގައި ކުރިއަރަމުން އަންނަ އެންމެ ވަރުގަދަ އެއް ޓީމެވެ. އަދި ސެނެގޯލަކީ އެފްރިކާގެ ޗެމްޕިއަނުންގެ އިތުރުން ވޯލްޑް ކަޕުގެ ތަޖުރިބާކާރު ޓީމެކެވެ. އެހެންނަމަވެސް އުއްމީދުކުރަނީ އިރާގުގެ ކުޅުންތެރިން މޮޅު ކުޅުމެއް ދައްކައި، 1986 ގައި އެ ގައުމަށް ހޯދުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދައިދޭނެ ކަމަށް އައްލަވީ ބުންޏެވެ.
މީގެ 40 އަހަރާއި، މިހާރާއި އަޅާބަލާއިރު އިރާގުގެ ހަސިއްޔަތު ތަފާތެވެ. ދުނިޔޭގެ ރޭންކިންގެ 57 ވަނައިގައި އޮތް އެ ޓީމުގައި މިހާރު ޔޫރަޕުގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި އިޕްސްވިޗް ޓައުންގެ އަލީ އަލް-ހަމާދީ، މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ޒިދާން އިގުބާލް އަދި ޑެންމާކުގެ އޭޖީއެފްއަށް ކާމިޔާބީ ހޯދައިދިން ކެވިން ޔާކޮބް ހިމެނެއެވެ.
މީގެ އިތުރުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޮސްޓްރޭލިއާ ދެވަނަ ބުރަށް ގެންގޮސްދިން ގްރަހަމް އާނޯލްޑް ވަނީ އިރާގުގެ ކޯޗަކަށް 2025 ވަނަ އަހަރު އައްޔަނުކޮށްފައެވެ. މިއީ އެ ގައުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އޭނާގެ އިރުޝާދުގެ ދަށުން އިރާގުން ވަނީ ކޮލިފައިންގެ ތިންވަނަ އަދި ހަތަރުވަނަ ބުރު ކާމިޔާބުކޮށް، ޔުނއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބޮލީވިއާ ބަލިކޮށް، ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކޮށްފައެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އިރާގަކީ ގްރޫޕް އައިގެ އެންމެ ބަލި ޓީމެވެ. އެހެންނަމަވެސް ދަތި އުނދަގޫ ހާލަތެއް ތަހައްމަލުކުރަމުން އަންނަ އިރާގުން، އާނޯލްޑް ފަދަ ތަޖުރިބާކާރު ކޯޗަކާއެކު، މި ފަހަރު ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.
އިރާގަކީ އަބަދުވެސް ހުނަރުވެރި ކުޅުންތެރިން ތިބި ގައުމެކެވެ. ނަމަވެސް ދަނޑުން ބޭރުގައި ކުރިމަތިވި ކަންތައްތަކުގެ ސަބަބުން، އަލުން ވޯލްޑް ކަޕަށް ދިޔުމަށް 40 އަހަރުގެ ދިގު މުއްދަތެއް ހޭދަވީއެވެ. ގައުމަށް ދިމާވި ހަނގުރާމަތަކާއި، ސިޔާސީ އަދި އިގުތިސާދީ ގޮންޖެހުންތަކާއި، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ގައުމީ ޓީމަށްވެސް ކުރިއެވެ.
މީގެ އިތުރުން ސައްދާމް ހުސައިންގެ ވެރިކަމުގައި، އޭނާގެ ދަރިފުޅު އުދައްޔު ހުސައިން ފުޓްބޯޅަ އިދާރާ ހިންގިއިރު، ކުޅުންތެރިންނަށް އަނިޔާކުރުމާއި، ޖަލަށްލުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާފައިވެއެވެ. އޭރު އޮތީ "ކާމިޔާބީއަށް އިނާމު އަދި ނާކާމިޔާބީއަށް ހަރުކަށި އަދަބު" ދިނުމުގެ އުސޫލެވެ.
ސައްދާމުގެ ވެރިކަން ވެއްޓުމަށްފަހުވެސް، ގައުމުގެ ބޭރުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ އިރާގަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް 2020 ވަނަ އަހަރު ފީފާއިން ބަޝަރާގައި މެޗުތައް ކުޅުމުގެ ހުއްދަ ދިނުމަކީ ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
1985 ވަނަ އަހަރު އިރާގުން ވޯލްޑް ކަޕަށް ކޮލިފައިވީ ސީރިއާ ބަލިކޮށްގެންނެވެ. އޭރުވެސް އީރާން-އިރާގު ހަނގުރާމައިގެ ސަބަބުން އެ މެޗު ކުޅެންޖެހުނީ ސައުދީ އަރަބިއްޔާގައެވެ. އޭރުގެ ޓީމަކީ އިރާގުގެ ފުޓްބޯޅައިގެ ރަން ޖީލެވެ. 1986 ގެ ވޯލްޑް ކަޕުގައި ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި، އިރާގުގެ ލެޖެންޑް އަޙްމަދު ރާޟީ، ބޮލުން ޖެހި ލަނޑު ރެފުރީ ގަބޫލެއް ނުކުރިއެވެ. ސަބަބަކީ ބޯޅަ ގޯލަށް ވަންނަނިކޮށް ހާފު ނިމުނުކަމަށް ރެފުރީ ފުމެލުމުންނެވެ. އެއީ މިއަދުވެސް އިރާގުގެ ރައްޔިތުންނަށް ހިތްދަތިކަން ގެނުވާ ހަނދާނެކެވެ.
އިރާގުގެ ކޮންމެ ރައްޔިތަކުވެސް ދެކެން ބޭނުންވަނީ ދަތި، އުދަނގުލާއި ފިއްތުންތަކުގެ ތެރެއިން ވޯލްޑް ކަޕުން ފުރުސަތު ހޯދި ފަދައިން، މުބާރާތުން އަންނަން އޮތް ޖީލުތަކަށް އުފާވެރި ހަނދާތަކެއް ރައްކާކޮށްދިނުމެވެ.