ENGLISH

03 ޖޫން 2026

Advertisement

ހިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިއުމާއެކު ހިދުމަތް އަވަސްވެގެންދާނެ: ޒީނިއާ

03 ޖޫން 2026

|

އައިމިނަތު ޝަފާ

އާސަންދައިގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ޒީނިޔާ އަދި ޓީމު، ފޮޓޯ: ދައުރު

އާސަންދައިގެ ހިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިޔުމާއެކު މިހާރަށްވުރެ އަވަސް ހިދުމަތެއް ލިބިގެންދާނެކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ހިދުމަތް ލަސްވާ މައިގަނޑު ސަބަބަކީ މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތް ގިނަވުމުން ކަމަށެވެ. 

"ފޯމު ގެންގުޅުން ނުވަތަ މެނުއަލް ރަޖިސްޓާ ގެންގުޅުން އެއީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަވާކަމެއް. އެކަހަލަ މަސައްކަތް ހުންނާތީ ފުދޭވަރަކަށް ހަމަ ލަސްވެގެންދޭ މަސައްކަތްތައް. އަޅުގަނޑުމެންގެ ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމިގެންދާއިރު އުއްމީދަކީ ހިދުމަތްތައް ވަރަށް ބޮޑުތަނުން އަވަސްވެގެންދިއުން،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތަށް އެދުމަށް ފަސޭހަ ކުރުމުގެ ގޮތުން 'މައި އާސަންދަ ޕޯޓަލް' މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ. 

އެންސްޕާއިން ކުރިއަށް ގެންދާ "މެޑިކަލް ވެލްފެއާ ސްކީމް" ގެ ދަށުން ދެމުންގެންދާ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށް ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ބަލީގެ ބާވަތަކާއި ހާލަތަށް ބަލައި، ރާއްޖެއިން ލިބޭ ފަރުވާއަށް ބޭރަށް ދާން އާސަންދަ ދެވޭ ގޮތަށް ގަވާއިދަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

އާސަންދަ ސްކީމަކީ ދިވެހި ރައްޔިތުންނަށްވެސް އެއްވެސް ލިމިޓެއް ނެތި، އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ސިއްހީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމަށް ސަރުކަރުން ހިންގާ ސްކީމެކެވެ. 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް ނުވަތަ ޕާސްޕޯޓު ކާޑު އޮތް ކޮންމެ ދިވެހި ރައްޔިތަކަށްމެ، ޑޮކްޓަރުން ލަފާދޭ އެންމެހައި ސިއްހީ ޚިދުމަތްތަކެއް އެއްވެސް ފީއަކާ ނުލައި، ސަރުކާރުގެ މަރުކަޒުތަކުން މި ސްކީމުގެ ދަށުން ހިލޭ ލިބިގެންދާނެއެވެ.

އާސަންދައިން އަހަރެއްގެ މައްޗަށް ތިން ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު