ENGLISH
03 ޖޫން 2026
ވަތަނީ ހިދުމަތުގެ ދެވަނަ ބުރު ފުރިހަމަ ކުރި 77 ޒުވާނުން ފަންނީ ތަމްރީނަށް ފުރައިފި
03 ޖޫން 2026
|
ރައީސް ވަތަނީ ހިދުމަތުގެ ބައިވެރިންނާއެކު. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރު ފުރިހަމަކުރި 77 ޒުވާނުން އެ ޕްރޮގްރާމްގެ ފަންނީ ތަމްރީނުތަކަށް ފުރާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް ފުރާފައިވާކަމަށެވެ.
އަދި މި ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު ހަ ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުންކަމަށް ވިދާޅުވި އެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
ވަޠަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ދަރިވަރުންގެ ތެރެއިން 63 ބައިވެރިޔަކު ފަންނީ ޕްރޮގުރާމުން ވަނީ ދަސްވެނިވެފައެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި މައިގަނޑު ހަ ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައި ވެއެވެ. އެއީ އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިން، މެރިން އިންޖިނިއަރިން، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަންގެ ދާއިރާތަކެވެ.
ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ 344 ބައިވެރިން ދަސްވެނިވީ މެއިމަހުގެ ތެރޭގައެވެ.