ENGLISH

03 ޖޫން 2026

Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައި: އީސީ

03 ޖޫން 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ކޮމިޝަނުގެ ނައިބުރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކޮމިޝަނުންވެފައިވާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު "އެމްއެމްޓީވީ" އާ ހިއްސާކުރައްވަމުން ނައިބުރައީސް ވިދާޅުވީ ބައި އިލެކްޝަނަށް ކޮމިޝަނުން އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ.

ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން މިއަދު ސޮއިކޮށްފައިވާކަމަށް ނައިބުރައީސް ވިދާޅުވިއެވެ. މި ބައި އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ ކަންކަން ކުރއިަށްގެންދިޔައީ މިއަދު ހެނދުނު 10:00 ގައި ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު ގައެވެ.

ކޮމިޝަނުގެ ނައިބުރައީސް ވިދާޅުވީ މި އިންތިހާބަށް ކޮމިޝަނުން މިފަހަރު ޗާޕްކުރީ 4154 ވޯޓު ކަރުދާސްކޮޅުކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. 

މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ. 

މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގަ އެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ މައި ދެޕާޓީގެ ކެންޑިޑޭޓުން ނެވެ. އެގޮތުން ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. ސައީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ. 

ދެން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދެ އެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު