ENGLISH
03 ޖޫން 2026
ތިން ދުވަހަށް މޫސުން ގޯސް ވާނެ، ހޮނިހިރުން ފެށިގެން ރަނގަޅު ވާނެ
03 ޖޫން 2026
|
ވިއްސާރަ ދުވަހެއް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކާށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ތިން ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށެވެ.
މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެހެން ނަމަވެސް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރީތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، ވައިގެ ބާރުމިނުގައި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މެދުރާއްޖެތެރެއަށާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.