ENGLISH
03 ޖޫން 2026
ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި
03 ޖޫން 2026
|
ޖަޕާނުގެ ސަފީރު ވަޒީރު ގީލާއާ ބައްދަލުކުރެއްވުމުގެ ތެރެއި-- ފޮޓޯ: ޖަޕާން އެމްބަސީ
އެންމެ މަޤްބޫލު
ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމާއި ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގަމީ، ސިއްހަތާއި އާއިލީ އަދި އިޖްތިމާއީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީގެ އަރިހަށް ކުރެއްވި ޒިޔާރާތުގެ ތެރެއިންނެވެ.
ޖަޕާން އެމްބަސީއިން ބުނީ މި ޒިޔާރަތުގެ ތެރެއިން ދެ ބޭފުޅުންގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ރާއްޖޭގައި އިޖްތިމާއީ ދާއިރާ އާއި ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އަދި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމާއި ދެ ގައުމުން އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަމަށް އެމްބަސީން ބުންޏެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު މީހގެ ކުރިން ޖަޕާނުން ވަނީ ސިއްހީ ދާއިރާއިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަަށް ސީއެމްބިއުލާންސެއް ވަނީ ހަދިޔާކޮށްފައެވެ. ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ސިއްހީ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި ވެސް ޖަޕާނުން ގެންދަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެމުންނެވެ.