ENGLISH
03 ޖޫން 2026
އެންމެ މަޤްބޫލު
އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ބަންގީގެ އަޑު ކަނޑުވާލުމަށް ހުށަހެޅި ބިލެއް ބަލައިގަތުމަށް ސަހުޔޫނީންގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.
އިރުމަތީ ގުދުސް ހިމެނޭހެން ޔަހުދީން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ބަންގީގެ އަޑު ކަނޑުވާލަން ބިލު ހުށަހެޅީ ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރުގެ ހަރުކަށި ފިކުރުގެ އޮޓްޒްމާ ޔަހޫދިތު ނުވަތަ ޖުވިޝް ޕަވަރު ޕާޓީންނެވެ.
ބިލުގެ ދެލިކޮޕީގައި ބުނެފައިވާގޮތުން ވަކި ހާއްސަ ހުއްދައެއް ނެތި އެއްވެސް މިސްކިތެއްގައި ސައުންޑް ސިސްޓަމެއް ހަރުކޮށް އޭގެ ބޭނުން ކުރުން މަނާވާނެއެވެ. ލައިސެންސް ދޫކުރުމުގައި ބަންގި ގޮވާއިރު އަޑުގެ ބާރުމިން ހުންނަ މިންވަރަށް ބަލާއިރު މީހުން ދިރިއުޅޭ ސަރަހައްދުތަކާ މިސްކިތާ ހުރި ދުރުމިންވެސް ބަލާނެއެވެ.
ޔަހޫދީން ކަނޑައަޅާ މިންގަނޑާ ހިލާފުވާނަމަ ބަންގި ގޮވުން ހުއްޓައިލުމަށް އަމުރުކުރުމުގެ ބާރު އެ ބިލުން ސަހުޔޫނީ ފުލުހުންނަށް ލިބޭނެއެވެ. އޭގެ އިތުރުން މިސްކިތްތަކުގައި ހުންނަ ސައުންޑް ސިސްޓަމްތައް އަތުލައި، ޖޫރިމަނާ ކުރުމުގެ ބާރުވެސް އެ ބިލުން ލިބެއެވެ.
އެ ބިލާ ގުޅޭގޮތުން ފަލަސްތީނުގެ އެންމެ އިސް ފަނޑިޔާރު އަދި ދީނީ ކަންކަމާ ގުޅޭގޮތުން ރައީސްއަށް ލަފާ އަރުއްވާ މުޝީރު، މަހުމޫދު އަލް ހައްބާޝް ވިދާޅުވީ ބަންގީގެ އަޑު ކަނޑުވައިލުމަށް ޔަހޫދީން ހުށަހަޅާފައިވާ ބިލަކީ އިސްލާމް ދީނުގެ މުގައްދަސް ބިންތަކާއި އަޅުކަންތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެއް ކަމަށެވެ.
މިމައްސަލައާ ގުޅިގެން އަލްއަޤްޞާ މިސްކިތުގެ ޚަޠީބު ޝައިޚް އިކްރިމާ ޞަބްރީ ވިދާޅުވީ ބަންގިގޮވުން މަނާކުރުމަށް މިފަހަރު ސަހުޔޫނީން ކުރާ މަސައްކަތަކީ ގާނޫނީ ސިފަ ޖައްސައިގެން ކުރާ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. އަދި ސަހުޔޫނީންނަކީ ފަލަސްތީނުގެ ބިން ގަދަބަވިކަމުން ފޭރިގަނެގެން އުޅޭ ބާޔަކަށްވާތީ ފަލަސްތީނުގެ އަސްލު ހާލަތު ބަދަލުކުރުމާއި އިސްތިއުމާރުގެ ކުރިން އެ ބިމުގައި ހިންގަމުން އައި އުސޫލުތަކާ ހިލާފަށް ގާނޫނުތައް ހެދުމުގެ ބާރު އެމީހުންނަށް ނުލިބޭނެކަމަށް ވިދާޅުވިއެވެ.
އަލްއަޤްޞާ މިސްކިތް ހިމެނޭ އިރުމަތީ ގުދުސްއަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ސަހުޔޫނީ ހިފި ބިމެކެވެ. އަދި 1980 ވަނަ އަހަރު މުޅި ގުދުސްއަކީ އިސްރާއީލުގެ ބައެއް ކަމަށް ސަހުޔޫނީން ކަނޑައެޅި ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމައުން އެކަން ބަލައެއް ނުގަނެއެވެ. ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި އިރުމަތީ ގުދުސްއަކީ އެމީހުންގެ "މުސްތަގުބަލުގެ ދައުލަތު"ގެ ވެރިރަށެވެ.