ENGLISH

05 ޖުލައި 2025

Advertisement

ކުރީ ސަރުކާރުން ބޮޑެތި ޢަދަދުތަކުން ބަދަލު ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕީޖީ އޮފީހުން އޭސީސީގައި އެދިވަޑައިގެންފި

22 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ޕްރޮސިކިއުޓަރ ޖެނެރަލް, އަލްއުޞްތާޛް ޢައްބާސް ޝަރީފް

އެމްޑީޕީ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލު ދިން މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިވަޑައިގެންފި އެވެ. 

ނޮވެންބަރު 17، 2018 އިން ފެށިގެން ނޮވެންބަރު 17، 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.

މި ރިޕޯޓުގައި ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާ އާއި މުދާ، އެ ތަކެތީގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި މި ކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯރޓުގައިވާ ކަންކަމަށް ޕީޖީ އޮފީހުން ރިޢާޔަތްކުރެއްވުމަށް ފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއް ކަމަށް ފެންނާތީ، ޑިސެމްބަރު 17، 2024 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދަންނަވާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގައި ތަޙުޤީޤަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ ހިއްސާކުރުމަށް ވެސް ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު