ENGLISH

02 ޖޫން 2026

Advertisement

ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް

02 ޖޫން 2026

|

އައިމިނަތު ޝަފާ

ފުލުހުންގެ އިދާރާ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ. 

ފުލުހުންގެ ހިދުމަތުން ބުނީ މިބަދަލުތައް ގެނައީ މިއަދުން ފެށިގެންކަމަށެވެ. 

މި ބަދަލު ތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެވޭ ބަދަލުތަކެއްކަމަށް ބުންޏެވެ.

މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.

މި އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. މި އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:

  • އޮފީސް އޮފް ދަ ކޮމިޝަނަރ
  • ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  • ޕްރޮފެޝަނަލް ސްޓެންޑަރޑްސް
  • ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
  • އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
  • ފޮރެންސިކް ސަރވިސަސް
  • ސެންޓްރަލް އިންވެސްޓިގޭޝަންސް
  • މާލޭ ޕޮލިސް
  • ހުޅުމާލޭ ޕޮލިސް
  • ނޮދަން ޕޮލިސް
  • ސަދަން ޕޮލިސް
  • ސަރވިސް ޑިވެލޮޕްމަންޓް
  • ސަރވިސް ސަޕޯޓް
  • ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެކެވެ.

ކިޔުންތެރިންގެ ހިޔާލު