ENGLISH
02 ޖޫން 2026
މިލަންދޫ އަލިފާނުގެ ބޮޑު ހާދިސާ: ހަތަރު ޑިންގީއެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި
02 ޖޫން 2026
|
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އިދާރާތަކުންނާއި އާއްމުން ހަރަކާތްތެރިވަނީ. އަލިފާނުގެ ބޮޑު ހާދިސާގައި ހަތަރު ޑިންގީއެއް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި. ފޮޓޯ: މިލަންދޫ ކައުންސިލް
އެންމެ މަޤްބޫލު
ށ. މިލަންދޫގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ސަރަޙައްދުގައި އޮތް ހަތަރު ޑިންގީއެއް އެއްކޮށް އަނދައި ހުލިވެފައިވާކަން ކަށަވަރުވެއްޖެއެވެ.
މިލަންދޫ ފައިބަރު މަސައްކަތްކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނީ ރޭ 11:09 ހާއިރު އެވެ. އާއްމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ރޭ ދަންވަރު އެކެއް ޖެހިއިރުކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވެއެވެ.
ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރު މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައިވާކަމަށެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާގައި ހަތަރު ޑިންގީއެއް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.
"އެމްއެމް" އާ ވާހަކަދައްކަމުން މިލަންދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ، ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވިނަމަވެސް ހަތަރު ޑިންގީއެއް ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ.
ޑިންގީތަކުގައި ރޯވުމުގެ އިތުރުން ފައިބަރު މަސައްކަތްކުރާ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މީގެތެރޭގައި އެމަސައްކަތްކުރާ މީހުންގެ މައި ސްޓޯރުވެސް އެއްކޮށްހެން އަނދާފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
"ހަތަރު ޑިންގީއެއް އެއްކޮށް ހަލާކުވެފަ ވަނީ. އެމީހުންގެ މައި ސްޓޯރުވެސް ހުރީ އެތަނުގައި. ވަރަށް ކުޑަ ޕަސެންޓެއް އެތަނުންވެސް ސަލާމަތްކުރެވުނީ. އެއްވެސް މީހަކަށް ބޮޑު އަނިޔާއެެއް ނުވިޔަސް ތަނުގެ ވެރިމީހާގެ އަތަށް ގެއްލުމެއް ލިބުނު. އަދި އެސަރަހައްދުގައި ހަރަކާތްތެރިވި ޒުވާނެއްގެ ފަޔަށް ގެއްލުމެއް ލިބުނު." މިލަންދޫ ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ގެއްލުންވި ހަތަރު ޑިންގީއަކީ ފައިބަރު މަސައްކަތްކުރާ ކުންފުނިން ބަންނަމުން އައި ޑިންގީތަކެކެވެ. އޭގެތެރެއިން އެއް ޑިންގީ ތައްޔާރުކޮށްފައި އޮތީ މިއަދު ބާލާށެވެ. އަލިފާނުގެ ނުރައްކާތެރި މި ހާދިސާގެ ގެއްލުން މިލިއަނަކަށް ވުރެ ބޮޑުވާނެކަމަށް ވެރިފަރާތާ ހަވާލާދީ ކައުންސިލުން ބުނެފައިވެއެވެ. އެހެންނަމަވެސް ގެއްލުންވީ އަދަދު އަދި ޔަގީންކުރެވިފައެއްނުވެއެވެ.
އަލިފާން ރޯވި ސަރަހައްދަކީ އަމިއްލަ ފަރާތަކުން ފައިބަރު މަސައްކަތް ކުރަމުންދިޔަ ތަނެކެވެ.
ކައުންސިލްގެ އިސްނެގުމާއެކު މިހާރު ކުރިއަށްދަނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތެވެ. އަލިފާނުގެ މި ހާދިސާ ހުއްޓުވަން ތިން ގަޑިއިރެއްހާއިރު ހޭދަވީއިރު، އާއްމު ރައްޔިތުންނާއި އިދާރާތަކުގެ އެއްބާރުލުން ވަރަށް ރަނގަޅަށް ލިބުނުކަން ކައުންސިލުން ފާހަގަކުރެއެވެ.
މިލަންދޫގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ ހިންގަމުންނެވެ.