ENGLISH

02 ޖޫން 2026

Advertisement

އަނެއްކާވެސް އާ ސްކޭމެއް، މިފަހަރު ބުކިން ޑޮޓްކޮމްގެ ނަމުގައި މެސެޖުތަކެއް

02 ޖޫން 2026

|

އާމިނަތު ނުޒްލާ

ސްކޭމް އެލާރޓް -- ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް

"ބުކިން ޑޮޓް ކޮމްގެ" ނަމުގައި އޮޅުވާލައިގެން އެކި މީހުންނަށް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި "ބުކިން ޑޮޓްކޮމް" ގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުން އަންނަކަމުގެ ޝަކުވާ އެ އިދާރާއަށްވަނީ ލިބިފަ އެވެ. މި މެސެޖުތަކަކީ ރިފަންޑެއް ދޭން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރިފަންޑް ދޭނެ ކަަމަށް ބުނެ ބުކިން ޑޮޓް ކޮމްގެ ނަމުގައި ދައުރުވާ ސްކޭމް މެސެޖް -- ފުލުހުން

ރަސްމީ "ބުކިން ޑޮޓްކޮމްގެ" ގެ ބަދަލުގައި މެސެޖުގައި ވަނީ އޮޅުވާލުމެއް އެކުލެވޭ ފޭކް ކުރު ލިންކެއް ކަމަށާއި އަދި އަވަސް ކުރުވުމަށް 24 ގަޑިއިރު ތެރޭގައި މައުލޫމާތު ފުރިހަމަކޮށް ފޮނުވުމަށެވެ. މިފަދަ ކުޑަ ވަގުތުކޮޅެއް ދިނުމުގެ ބޭނުމަކީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ސްކޭމަރުން ބޭނުންކުރަމުން އަންނަ އުކުޅެއްކަމަށްވެސް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން އިތުރަށް ބުނީ އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި، އެކްސްޕަޔަރީ ޑޭޓް ނުވަތަ ސީވީވީ ހޯދާކަށް ލިންކެއް ނުފޮނުވާނެ ކަމަށާއި، އެފަދަ މެސެޖްތަކަށް ސަމާލުވުމަށެވެ.

އެހެންކަމުން ތިމާގެ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ލިންކަށް ނުފިއްތުމަށާއި އޯޓީޕީ އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން އެދިފައިވެ އެވެ. މީގެއިތުރުން ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ މައުލޫމާތުތައް ސައްހަކަން ކަށަވަރުކުރުމަށް އެދިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު