ENGLISH
02 ޖޫން 2025
ޝިކްގެ އެހީގައި ލެވަކޫސަނަށް ފަސޭހަ މޮޅެއް
22 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ލެވަކޫސަންގެ ފޯވާޑް، ޝިކް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ޕެޓްރިކް ޝިކް ވައްދާލި ހަތަރު ލަނޑާއެކު، ބަޔާ ލެވަކޫސަނުން 5-1 ގެ ނަތީޖާއަކުން ފްރެއިބާގް އަތުން މޮޅުވެއްޖެއެވެ.
މިއީ ލެވަކޫސަންގެ ކޯޗު، ޒާބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ކުޅުނު 75 މެޗުގެ ތެރެއިން މޮޅުވި 50 ވަނަ މެޗެވެ. ލެވަކޫސަންއާ އެކު އޮލޮންސޯ ވަނީ ޖަރުމަން ލީގާއި ޖަރުމަން ކަޕް ކާމިޔާބުކޮށް، ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑުޖަހައިދިން ޗެކް ރިޕަބްލިކްގެ ފޯވާޑް، ޝިކްގެ ހެޓްރިކް ފުރިހަމަކުރީ 28 މިނެޓުންނެވެ. ލެވަކޫސަންގެ އަނެއް ލަނޑު ޖަހައިދިނީ ފްލޮރިއަން ވާޓްޒް އެވެ.
ފްރެއިބާގްގެ ހަމައެކަނި ލަނޑުޖަހައިދިނީ ވިންޗެންޒޯ ގްރީފޯ އެވެ.
މި ނަތީޖާއާއެކު ލެވަކޫސަން ވަނީ 15 މެޗުން 32 ޕޮއިންޓް ހަމަކޮށްފައެވެ. ތާވަލްގެ އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކާއި ލެވަކޫސަންއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް ލިބިފައިވަނީ 15 މެޗުން 27 ޕޮއިންޓެވެ.
މި މެޗުން ބަލިވި ފްރެއިބާގް އޮތީ އަށްވަަނައިގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.