ENGLISH
05 ނޮވެމްބަރު 2025
ހުޅުދޫއާއި މީދޫއަށް ވަޑައިގަތުމުން ރައީސަށް ވަރުގަދަ ހޫނު މަރުހަބާއެއް
05 ނޮވެމްބަރު 2025
|
ރައީސް ޑރ.މުޢިއްޒަށް ހުޅުމީދޫން މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ހުޅުދޫއާއި މީދޫއަށް ވަޑައިގަތުމުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ އިސްތިގުބާލަށް ނިކުމެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް މިއަދު ހެނދުނު އައްޑޫ ހުޅުދޫއަށް ވަޑައިގެންނެވިއިރު ބަނދަރު މަތީގައި ދެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިއްބެވެ. އެމީހުން ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، އެ ދެ ރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަައި ބޮޑު ޝަކުވާއަކަށް ރައީސްވަނީ ހައްލު ހޯދައިދެއްވާފައެވެ.
އެގޮތުން އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ މުޅިން ވަކިން އޮންނަ ހުޅުދޫ އަދި މީދޫ ރައްޔިތުން އެދެމުންއައީ އެ ދެ ރަށް އައްޑޫ ސިޓީން ވަކިކޮށް، ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދޭތާ އަހަރުތަކެއްވެފައިވަނިކޮށް، އެކަމުގައި ރައްޔިތުން ބޭނުންވާ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނިންމެވިއެވެ.
ރައީސް ޑރ.މުޢިއްޒަށް ހުޅުމީދޫން މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ނިންމެވުމާ އެއްގޮތަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި މީދޫއާއި ހުޅުދޫގެ ބޮޑު އަޣުލަބިއްޔަތުން ނިންމާފައިވަނީ ސިޓީއިން ވަކިވެ، ދެ ރަށުގައި ވަކި ރަށު ކައުންސިލުތަކެއް އުފެއްދުމަށެވެ. ރައީސްވަނީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ހުޅުދޫއާއި މީދޫއަކީ ވަކި ދެ ރަށް ކަމުގައި ކަނޑައަޅުއްވައި ކޮންމެ ރަށެއްގައި ވަކި ރަށު ކައުންސިލުތަކެއް އުފެއްދެވުމަށް ނިންމަވާފައެވެ.
މި ދަތުރުފުޅުގައި މީދޫއާއި ހުޅުދޫގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވުމާއި، ހުޅުދޫގައި ބީއެމްއެލް އައު ބްރާންޗެއްގެ އިމާރާތް ބިނާކުރަން ފެށުމާއި، ހުޅުދޫއާއި މީދޫގެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމާއި، ހުޅުމީދޫގައި ގާއިމުކޮށްފައިވާ ބީއެމްއެލް ޑޮލަރު އޭޓީއެމް ހުޅުވައިދެއްވުން އޮންނާނެއެވެ.
އަދި މިއަދު ހުޅުދޫއާއި މީދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި ދެ ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ސަރުކާރުގެ މުހިއްމު ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.