ENGLISH

05 ނޮވެމްބަރު 2025

Advertisement

ހުޅުމާލެ ފަޅުތެރޭން ބިންހިއްކާތީ، އުޅަނދުތައް އެޅުމަށް ސަރަޙައްދުތަކެއް ކަނޑައަޅައިފި

05 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގެ ފަޅުތެރޭން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު ކުރިއަށްގެންދަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން އަލުން ފަށާތީ، ބިން ހިއްކާ ސަރަޙައްދުގައި މަސައްކަތްތަކަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެޅުމަށް ސަރަޙައްދުތަކެއް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ. 

އެޗްޑީސީން އިއްޔެ އާއްމުކުރި އިޢުލާނުގައި ބުނީ، އެ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އޮކްޓޫބަރު 30 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާ އެއްގޮތަށް، ހުޅުމާލެ ފަޅުތެރެ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. 

ބިން ހިއްކާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދަމު 12 ޖެހުމުގެ ކުރިން އެ ސަރަޙައްދުން ނެގުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ. އަދި، އުޅަނދުތައް ނެގުމަށްފަހު ބޭނުންކުރާނެ ސަރަޙައްދުތައް އެޗްޑީސީން އިއުލާނުކޮށްފައިވެއެވެ. 

ސަފާރީތައް އެޅުމަށް ހާއްސަކޮށްފައިވަނީ ކ. ގުޅިފަޅާއި ކ. ކުޑަގިރި އަދި ކ. ތިލަފުށީގެ ފަޅުތެރެއިން ވަކި ސަރަޙައްދުތަކެކެވެ. އަދި، ދޯނިފަހަރާއި އެހެނިހެން އުޅަނދުތައް އެޅުމަށް ގުޅިފަޅާއި ތިލަފުށީގެ ފަޅުތެރެއިން ސަރަޙައްދުތަކެއް ވަނީ ކަނޑައަޅައިފައެވެ. 

އާއްމުކޮށްފައިވާ ގޮތަށް އުޅަނދުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޑީސީން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ. އަދި، ބިން ހިއްކުމުގެ މަސައްކަތުގައި އާއްމު ރައްޔިތުންނާއި އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ދޭ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރުއަދާކޮށްފައެވެ. 

ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އަދި، ބިން ހިއްކުމުގެ މަސައްކަތް އަވަސްކުުރުމަށް ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު