ENGLISH

03 ފެބްރުއަރީ 2026

Advertisement

ރައީސްގެ ދަތުރުފުޅުގައި ހުޅުދޫ އަދި މީދުގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފި

05 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސް ޑރ.މުޢިއްޒު ހުޅުދޫ އަދި މީދޫއަށް ކުރައްވާ ޒިޔާރަަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫއަށް ވަޑައިގެން އެ ދެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ހުޅުދޫއާއި މީދޫއަށް ޚާއްޞަކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. 

ދެރަށަށް ޚާއްޞަކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަގުތައް ހެދުމާއި ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވިއެވެ. 

ޒަމާނީ ފެންވަރަށް ދެރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަރިހުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝާހިދު އަދި މަސައްކަތާ ޙަވާލުވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ބައިވެރިވެވަޑައިގަތެވެ. 

އައްޑޫހުޅުދޫ އަދި އައްޑޫމީދޫގެ ކުނި މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. 

އިތުރު މަޝްރޫޢުތަކަށް ބަލާއިރު ދެރަށުގައި ވެސް މިއަދު ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައެވެ. ފިޓްނަސް ސެންޓަރުތަކުގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ދެރަށުގައި ވެސް ފިޓްނަސް ސެންޓަރުތައް ތަރައްޤީކުރާނީ އާރުޑީސީންނެވެ. ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ބައިވެރިވަޑައިގެންނެވިއެވެ. 

ހުޅުދޫގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވިއެވެ. 

ހުޅުދޫގައި ގާއިމުކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ބީއެމްއެލްގެ ޗެއަރމަން އަޙްމަދު ޢަލީ ހަބީބް އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރު ޝާހިދު ބައިވެރިވަޑައިގެންނެވިއެވެ. 

ހުޅުދޫ އާއި މީދޫ އަކީ ދާދިފަހުން ވަކި ކައުންސިލެއް އުފައްދަން ނިންމާފައިވާ ދެ ރަށެވެ. އައްޑޫ ސިޓީގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނެގި ވޯޓުގައި ހުޅުދޫއާއި މީދޫން ނިންމީ، ސިޓީ ކައުންސިލުން ވަކިވެ އެ ދެރަށުގައި ވެސް ވަކި ކައުންސިލްތައް އުފެއްދުމަށެވެ. 

ރައްޔިތުން އެގޮތަށް ނިންމުމުން، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ ނޮވެމްބަރު 3 ވަނަ ދުވަހުއެވެ. މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ހުޅުދޫ އާއި މީދޫ ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެ ދެރަށުގައި ވަކި ކައުންސިލްތައް ކަނޑައަޅުއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު