ENGLISH
05 ނޮވެމްބަރު 2025
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީގެން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުމެއް ނުވާނެ: ދާއޫދު
05 ނޮވެމްބަރު 2025
|
ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ދާއޫދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދީގެން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުމެއް ނުވާނެ ކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.
ދާއޫދު މިފަދައިން ވިދާޅުވީ މި ފެށުނު ނޮވެންބަރު މަހުން ފެށިގެން ވަކި އުސޫލުތަކެއްގެ ތެރެއިން ދެމެހެއްޓެނެވި ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދިނުމާ ގުޅިގެން އެކަން ހުއްޓައިލުމަށް ގޮވައިލައްވައި ނ.ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
އެ ގަރާރަށް ބަހުސްކުރައްވަމުން ދާއޫދު ވިދާޅުވީ ކަށިމިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރު އެއިރުގެ ސަރުކާރުން އެ ވިޔަފާރި މަނާކުރުމާ ހަމައަށް އުތުރުގެ މަސްވެރިންނަށް އެ މަސައްކަތަަކުން އެންމެ ބޮޑު މަންފާއެއް ލިބެމުން އައި މަސައްކަތް ކަމުގައެވެ.
"ރާއްޖޭގެ އުތުރުގެ މަސްވެރިންގެ އިގުތިސާދީ ތަނބު އެއްކޮށް ބިނާވެފައި އޮތީ މިޔަރުގެ މަސްވެރިކަމަށް. އަޅުގަނޑުމެން އެކިއެކި ސަރުކާރުތަކުގައި މި މަސައްކަަތް ކުރެވޭ ގޮތަށް ހުއްދައެއް ދެއްވާތޯ ދިޔައީ އެދެމުން. މިދިޔަ ސަރުކާރުގައިވެސް ރައީސް ޔާމީން ސަރުކާރުގައިވެސް އެދުނިން. އޭގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި މިކަން ހުއްޓުވައިލުމުންވެސް ހުއްޓައިނުލައި ކުރިއަށްދެވޭނެ ގޮތެއް ފަހިކޮށްދޭން އެދުނިން،" ދާއޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑު ތިލަދުންމަތީ މަސްވެރިންނާއި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަަވައި މުޅި ރާއްޖޭގެ އިގުތިސާދު ސިންދަފާތުވާނެ ގޮތަށް މި މަސައްކަތަށް މަގުފަހިކޮށްދެއްވި މަންޒަރު ކަމަށެވެ.
މީގެ ކުރިން ރާއްޖޭގެ ސަރަހައްދުން މިޔަރުގެ މަސްވެރިކަމުގެ މަންފާ ހޯދަމުންއައީ އަވައްޓެރި ގައުމުތަކުގެ މަސްވެރިންކަަމަށް ތުހުމަތުކުރައްވަމުން ދާއޫދު ވިދާޅުވީ ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މިޔަރު ބާނައިގެން ނިކުމެ އެތަކެތި ވިއްކައިގެން މަންފާ ހޯދަމުން އައި ކަމަށެވެ.
މިޔަރުގެ މަސްވެރިކަން މަނާކުރުމުގެ ކުރިން އުތުރުގެ މަސްވެރިންނަށް އެ ސިނާއަތުން ލިބެމުން އައި ފައިދާ ފާހަގަކުރައްވައި ދާއޫދު ވިދާޅުވީ އެ މަސްވެރިކަން މަނާކުރުމުގެ ކުރިން ކުޅުދުއްފުށީ މަސްވެރިންނަށް ހަފުތާއަކު ފަސް މިލިއަން ރުފިޔާ މި މަސްވެރިކަމުން ލިބުނު ކަމަށެވެ. އަދި ބޮޑުތިލަދުންމަތީ މަސްވެރިންނަށް މަހަކު 35 މިލިއަން ރުފިޔާ މިޔަރުގެ މަސްވެރިކަމުން ލިބުނުކަމަށާއި، މަސް ޕްރޮސެސްކޮށްގެން އުތުރުގެ މަސްވެރިންނަށް މަހަކު 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބެމުންދިޔަ ކަމަަށެވެ.
ދާއޫދު އިތުރަށް ވިދާޅުވީ މިޔަރުގެ މަސްވެރިކަމަކީ ރާއްޖޭގެ އެތެރެވަރީގައި ކުރާ މަސައްކަތެއް ނޫންކަމަށާއި، މި މަސްވެރިކަން ކުރަމުންދަނީ ރާއްޖެއާ އެތައް މޭލެއް ދުރުގައި ކަމަށެވެ. އެހެންކަމުން މިކަމަކީ ރާއްޖޭގެ ޓޫރިޒަމަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.