ENGLISH
05 ނޮވެމްބަރު 2025
ކޮލެޖުތައް ޔުނިވަސިޓީއަށް ބަދަލުކުރުމުގެ ޝަރުތުތައް ލުއިކޮށްދޭ އިސްލާހު ފާސްކޮށްފި
05 ނޮވެމްބަރު 2025
|
ވިލާ ކޮލެޖުގެ މައި ކެމްޕަސް
މަތީ ތައުލީމު ދޭ ކޮލެޖުތައް ޔުނިވަސިޓީއަށް ބަދަލުކުރުމުގެ ޝަރުތުތަކަށް ލުއިތަކެއް ލިބޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޔުނިވަސިޓީއެއްގެ ދަރަޖައަށް މަތީ ތައުލީމު ދޭ މަރުކަޒުތައް ބަދަލުކުރުމުގެ ޝަރުތުތައް ލުއިކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މެދުނުކެނޑި 15 އަހަރު ވަންްދެން ހިދުމަތްދެމުން އައިސްފައިވާ ކޮލެޖުތަކަށް ޔުނިވަސިޓީގެ ދަރަޖަ ދެވިދާނެއެވެ.
މިހާރު ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ކޮލެޖަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ދެވޭނީ މެދުނުކެނޑި މަތީ ތައުލީމު ދޭތާ 20 އަހަރު ވެގެންނެވެ.
މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން ޔުނިވަސިޓީއަކަށް ބަދަލުކުރާ ކޮެލެޖުގައި ވަކި ދާއިރާއެއްގެ ކޯސްތައް ހިންގުމަކީ ލާޒިމު ކަމެއް ނޫނެވެ. ކޮންމެ ދާއިރާއަކުންވެސް ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި ލެވެލް 9 ގެ މަދުވެގެން ތިން ދައިރާއެއްގެ ކޯސްތައް އެ ކޮލެޖެއްގައި ހިންގާނަމަ އެތަނެއް ޔުނިވަސިޓީއަކަަށް ބަދަލުކުރުމަށް ޝަރުތު ފުރިހަމަވާނެއެވެ.
ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އޮތީ ވަކި ދާއިރާތަކަކުން އެ ފެންވަރުގެ ކޯސްތައް ހިންގަންޖެހޭ ގޮތަށެވެ. ނަމަވެސް ކޮމިޓީންވަނީ އެ ބައި އުނިކޮށް ވަކި ދާއިރާއެއްގެ ކޯސްތައް ހިންގުން ލާޒިމުކުރުމުގެ ބަދަލުގައި ކޮންމެ ދާއިރއަކުން ނަމަވެސް އެ ފެންވަރުގެ ކޯސްތަކެއް ހިންގާނަމަ ޝަރުތު ފުރިހަމަވާ ގޮތަށް ކަނޑައަޅާފައެވެ.
ޔުނިވަސިޓީ ދަރަޖަ ދިނުމުގައި ބަލަންޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި އެތަނެއްގައި މޯލްޑިވްސް ކޮލިފިކޭޝަން ފްރޭމްވޯކުގެ ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދިއުމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖެކަށްވުމާއި، އެކަޑެމިކް ޕްރޮގުރާމުތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ 10 އިންސައްތަ މުވައްޒަފުންނަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މީހުންނަށްވުމާއި، މިނިސްޓްރީން ކަނޑައަޅާަ މިންގަނޑަކަށް ޔުނިވަސިޓީ ހިންގުމަށް ބޭނުންވާ ވަސީލަތްތައް އެތަނެއްގައި ގާއިމުވެފައި ހުރުން ހިމެނެއެވެ.
މިވަގުތު ރާއްޖޭގައި ހިންގަނީ ދެ ޔުނިވަސިޓީއެވެ. އެއީ ސަރުކާރުގެ ދެ ޔުނިވަސިޓީ ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއާއި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްއެވެ. މި އިސްލާހު ފާސްވުމާއެކު މިހާރު ހިންގަަމުން އަންނަ އަމިއްލަ ގިނަ ކޮލެޖުތަކަށް ޔުނިވަސިޓީ ދަރަޖަ ލިބިގަތުމަށް މަގުފަހިވާނެއެވެ.