ENGLISH
02 ޖޫން 2026
ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ހޭދަކުރީ ކުރީގެ ސަރުކާރުތަކުން ވާރުތަވި ރެކޯޑު އަދަދެއްގެ ދަރަނި ދެއްކުމަށް
02 ޖޫން 2026
|
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު. ދަރަނި އަދާކުރުމުގައި ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ.
އެންމެ މަޤްބޫލު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވާރުތަވި ރެކޯޑު އަދަދެއްގެ ދަރަނި އަދާކުރުމަށް، 2025 ވަނަ އަހަރު ދައުލަތަށް އިތުރަށް ލިބުނު އާމްދަނީ ބޭނުންކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީން އެކުލަވައިލި ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތުގައި (ނޮވެމްބަރު 2023 އިން މާރިޗު 2026 އަށް) ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީގެ ޕްރިންސިޕަލްގެ ގޮތުގައި ދެއްކި 1.7 ބިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދެއްކި 657.9 މިލިއަން ޑޮލަރެވެ.
މިއީ މީގެ ކުރީގެ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު (2014 އިން 2016 އަށް) ބޭރުގެ ދަރަނި އަދާކުރުމަށް ހޭދަކުރީ 423 މިލިއަން ޑޮލަރެވެ. އަދި ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި (2019 އިން 2021 އަށް) މި އަދަދު ހުރީ 538 މިލިއަން ޑޮލަރުގައެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ މާލީ ނަތީޖާއިން ދައްކަނީ، ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް، އާމްދަނީ އިތުރުކޮށް، އަދި ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް އަހަރު ނިންމާލުމާއެކު، ދަރަނި އަދާކުރުމުގެ ޒިންމާތައް ސަރުކާރަށް ފުރިހަމައަށް އަދާކުރެވުނު ކަމެވެ.
އެއާއިއެކު، މާލީ ވުޒާރާއިން ނެރެފައިވާ "ބަޖެޓު ނަތީޖާ ބަޔާން 2025" ގައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުނުއިރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 31 އޮކްޓޫބަރު 2024 ގައި އަންދާޒާކުރި 39.8 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. މިއީ މިހާތަނަށް ދައުލަތަށް އާމްދަނީ އެންމެ ގިނައިން ލިބުނު އަހަރެވެ.
އާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ހިމެނެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާ ގުޅޭ އާމްދަނީއާއި، ވޯކް ޕާމިޓް ފީއާއި، ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ ހިމެނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ވެސް ހުރީ އަންދާޒާކުރި މިންވަރުގައެވެ. 2025 ވަނަ އަހަރު 2.24 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެފައެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ރަނގަޅު އަސަރެއް ކުރިއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަކުރެވިފައެވެ. އަންދާޒާކުރި 9.4 ބިލިއަން ރުފިޔާގެ ބަދަލުގައި، އަސްލު ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ) ގެ ނިސްބަތުން 3.6 އިންސައްތައެވެ. މިއީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ބަޖެޓް ޑެފިސިޓް އެންމެ ދަށަށް ދިޔަ އަހަރެވެ.
2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ނިންމާލެވުނު ހަމައެކަނި އަހަރެވެ. ދައުލަތުގެ ހުރިހާ ޚަރަދުތަކެއް މެނޭޖްކޮށްފައިވަނީ ފާސްކުރި ބަޖެޓުގެ ތެރެއިންނެވެ. 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
2025 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުކޮށްފައިވަނީ މާލީ އިޞްލާހީ ފިޔަވަޅުތަކާއެކު، ދަރަނި ދެއްކޭނެ މަގު ފަހިކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އިސްކަންދީގެންނެވެ. ކުރީގެ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި އަދާކުރަމުންވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި ސަބްސިޑީތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.