ENGLISH

01 ޖޫން 2026

Advertisement

ސިނގިރޭޓްގެ ޑިއުޓީއާ ގުޅޭ ސިޔާސަތަށް ބަދަލެއް ނާދޭ، ތަބާވާނީ ފަންނީ ލަފައާއި އިރުޝާދަށް: ރައީސް

01 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫޓާނެއް ނުނަގާނެކަމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަންޖެހޭ ބަދަލުތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިިޔަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ. 

ރައީސް ވިދާޅުވީ ދުންފަތުން ނަގާ ޑިއުޓީއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ނުވާކަމަށެވެ. 

"އެއް ގޮތަކަށްވެސް އަޅުގަނޑުމެން ޔޫ ޓާނެއް ނެގީކީއެއްވެސްނޫން، އެއް ގޮތަކަށްވެސް ޔޫ ޓާނެއް ނޫން، އަދި އަޅުގަނޑުމެންގެ ސިޔާސަތަށް ބަދަލެއްވެސް ނާދޭ،". ރައީސް ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ވެސް ޖެނެރޭޝަނަލް ބޭން އެއް އެންމެ ފުރަތަމަ ގެނައީ ރާއްޖޭން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއާގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެެއް އަޅަމުން އަންނަކަމަށެވެ.

ދުންފަތާ ގުޅޭ ސަރުކާރުގެ ސިޔާސަތު ހަރުދަނާ ކުރުމަށްޓަކައި ދުންފަތުން ނަގާ ޑިއުޓީ ބަދަލުކުރުމާ ގުޅޭގިތުން ކަމާބެހޭ އިދާރާތަކާއެކު ފަންނީ މަޝްވަރާތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވި އެވެ. 

"އެހެންވީމާ އަޅުގަނޑުމެންގެ މަޝްވަރާތައް ޑިޕެންޑުވަނީ ފަންނީ އެކްސްޕާޓުންގެ ލަފަޔަށް، އަދި މިކަމާ ގުޅޭ އިންޓަނޭޝަނަލް އޯގަނައިޒޭޝަންތައް، އެއީ ޑަބްލިއުއެޗްއޯ ފަދަ، ޚާއްސަކޮށް، އަދި ޑަބްލިއުޓީއޯ ފަދަ، އެހެންވީމާ މި ފަރާތްތަކުގެ ރެކޮމެންޑޭޝަންތަކާއި އެ ބޭފުޅުން ހައްދަވައިފައިވާ ދިރާސާތަކާއި މި ކަންކަމަށް މި ބަލަނީ،". ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާމެދު ގޮތެއް ނިންމަނީ އޭގެ ފަހުން ކަމަށެވެ. 

ރާއްޖެ އެތެރެ ކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 50% ކުޑަ ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ގާނޫނަށް އިސްލާހު ހުށަހަޅަންޖެހޭ ނަމަ އެކަން ކުރާނެކަން ސަރުކާރުން ހާމަކުރީ އިއްޔެ އެވެ. 

ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކުރި އެވެ. ޑިއުޓީ ރޭޓް 8ރ. އިން 4 ރ.އަށް ކުޑަ ކުރާ ނަމަ، އެއީ %50ގެ ކުޑަ ވުމެކެވެ.  

ކިޔުންތެރިންގެ ހިޔާލު