ENGLISH

01 ޖޫން 2026

Advertisement

ބޭންކުތަކަށް މާރުކުރި ޑޮލަރު 670 މިލިއަނަށް، އެމްއެމްއޭއިން ދޫކުރި ޑޮލަރު 1.1 ބިލިއަނަށް

01 ޖޫން 2026

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކުގެ ތަފުސީލު

ބޭރު ފައިސާއާ ބެހޭ ގާނޫނު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތަންފީޒުކުރަން ފެށިފަހުން، ނިމުނު އަހަރު ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޖުމްލަަ 670.8 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރިއިރު، އެކި ބޭނުންތަކަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 1.1 ބިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. 

މަރުކަޒީ ބޭންކުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން 182 ރިސޯޓާއި ގިނަ އަދަދެއްގެ ގެސްޓުހައުސްތަކާއި ޓްރެވަލް އެޖެންސީތަކާއި ސަފާރީތަކުގެ އިތުރަށްވެސް އެ ގަވާއިދުގެ ދަށުން އެމްއެމްްއޭގައި ރަޖިސްޓްރީވާންޖެހޭ ގިނަ އަދަދެއްގެ ވިޔަފާރިތައް ރަޖިސްޓްރީވެފައިވެއެވެ. 

އިތުރަށް އެމްއެމްއޭއިން ބުނެފައިވަނީ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރުން ލާޒިމުކުރި ފަހުން ނިމުނު އަހަރު 670.8 މިލިއަން ޑޮލަރު ބޭންކުތަކަށް އެ ވިޔަފާރިތަކުން މާރުކުރި ކަމަށެވެ. އަދި އެ ފައިސާގެ 75 އިންސައްތަ ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކާފައިވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ބޭރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ ނަތީޖާއެއްގެ ގޮތުގައ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓިފައި ހުރިކަން އެމްއެމްއޭއިން ފާހަގަކުރިއެވެ. އަދި މަރުކަޒީ ބޭންކަށް ބޭންކުތައް މެދުވެރިކޮށް ލިބުނު ބޭރު ފައިސާގެ ތެރެއިން މިންވަރެއް އަސާސީ މުދާ ގަތުމާއި، ވިޔަފާރިތަކުގެ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ދޫކުރުމަށް ބޭންކުތަކަށް އެހީގެ ގޮތުގައި ދޫކުރެވިފައިވާކަމަށްވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. 

ބޭރުފަައިސާއާ ބެހޭ ގާނޫނުގެ ތެރެއިން ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކަށް ލިބުނު ބޭރު ފައިސާ އިތުރުވުމުގެ ސަބަބުން މަރުކަޒީ ބޭންކުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ތަދައްހުލުވުމަށް ހިންގާ އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބުނެވެ. 

އެމްއެމްއޭއިން ބުނި ގޮތުގައި ބޭރު ފައިސާގެ ބާޒާރުގައި ތަދައްހުލުވުމުގެ ގޮތުން އެކި ބޭނުންތަކަށް 1.1 ބިލިއަން ޑޮލަރު ފާއިތުވި އަހަރު މަރުކަޒީ ބޭންކުންވަނީ ދޫކޮށްފައެވެ. އެއީ ކުރީ އަހަރު މަރުކަޒީ ބޭންކުން ދޫކުރި ޑޮލަރަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ. 

އެގޮތުން އެސްއޯއީތަކަށް ތެޔޮ ގަތުމަށާއި، އަސާސީ ކާބޯތަކެތި އެތެރެކުރުމަށާއި، ބޭހާއި ބޭސްފަރުވާއާ ގުޅުންހުރި އާލާތްތައް އެތެރެކުރުމަށާއި، ދައުލަތުގެ ވިޔަފާރިތަކުން ނަގާފައިވާ ބޭރުގެ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ހަމަޖެއްސުމަށް އެކު ޖުމްލަ 650 މިލިއަން ޑޮލަރު ދޫކުރިއެވެ. 

އޭގެ އިތުރަށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް އެހީތެރިވުމަށް އެކު ޖުމްލަ 447.6 މިލިއަން ޑޮލަރު މަރުކަޒީ ބޭންކުންވަނީ ދޫކޮށްފައެވެ. އަދި ސަރުކާރުގެ ބޭރުގެ ދަރަންޏާއި ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، ސިއްހަތާއި ތައުލީމާއި ތަމްރީނާ ގުޅުންހުރި ކަންކަމަށް ހަރަދުކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އެހީ ފޯރުކޮށްދިނުމަށް 436 މިލިއަން ޑޮލަރު 2025 ވަނަ އަހަރު މަރުކަޒީ ބޭންކުން ދޫކޮށްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި 2025 ވަނަ އަހަރު މަރުކަޒީ ބޭންކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސަރުކާރުގެ ބޭނުންތަކަށް ދޫކުރި ޑޮލަރުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެފައިވެއެވެ. އެއީ މައިގަނޑު ގޮތެއްގައި ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމުކުރުމުގެ ތެރެއިން އެމްއެމްއޭއަށް ލިބުނު ފައިސާ ބޭންކުތަކުގެ މެދުގައި ބެހުމާއި، ސިއްހީ ކަންކަމަށް އެހީތެރިވުމަށް ދޫކުރި ޑޮލަރާއި އާއްމުކޮށް ޑޮލަރަށް އޮތް ޑިމާންޑު ނިމުނު އަހަރު އިތުރުވުމުގެ ސަބަބުން އިތުރުވި އިތުރުވުމެއްކަމަށް އެމްއެމްއޭއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު