ENGLISH
01 ޖޫން 2026
ރައީސްގެ ސިންގަޕޫރު ދަތުރުފުޅާއި ގުޅޭގޮތުން ފަތުރަނީ ދޮގެއް
01 ޖޫން 2026
|
ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންނެވުން -- ފައިލް ފޮޓޯ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ބަޔަކު ފަތުރަމުންދާ ވާހަކަތައް ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ދޮގުކުރައްވައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އާއިލާއާ ގުޅޭގޮތުން ތަކުރާރުކޮށް ދޮގު ވާހަކަތައް ފަތުރަމުންދާ ބައެއް ނޫސްތަކާއި މީޑިއާތަކުން ވަނީ ރައީސްގެ ސިންގަޕޫރު ދަތުރުފުޅާއި ގުޅޭގޮތުން ދޮގު ވާހަަކަތަކެއް ފަތުރަމުންނެވެ. އެގޮތުން އެ ދަތުރުފުޅަކީ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހްމަދު ނާޒިމްއާ ބައްދަލު ކުރެެއްވުމަށް ކުރެއްވި ދަތުރުފުޅެއްް ކަމަށް ބުނެ އަސްލެއް ނެތް ވާހަކަތަކެއް ސިޔާސީ ބޭނުމަށް ދަނީ ފަތުރަމުންނެވެ.
އެ ވާހަކަތަކާއި ގުޅޭގޮތުން މުހުތާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އާއިލާ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ބަޔަކާއި ބައްދަލުކުރައްވާ ސިޔާސީ މަޝްވަރާތަކެއް ކުރެއްވި ކަމަށް ބުނެ ބަޔަކު ފަތުރަމުންދަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަަމަށެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ހުރިހާ ވަގުތެއް ހޭދަކުރެއްވީ އާއިލާއާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"މިކަން އެންމެ ގާތުން ދުށް މީހެއްގެ ހައިސިއްޔަތުން، މިއީ ކަނޑައެޅިގެން ދޮގެއްކަން އަޅުގަނޑު ކަށަވަރުކޮށްދެމެވެ," މުހުތާޒް ވިދާޅުވި އެވެ.
ސިޔާސީ ފިތުނަވެރިކަން އުފެއްދުމަށް ފަތުރާ މިފަދަ ދޮގު ވާހަކަތަކަށް ސަމާލުވެ، އެފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމުގައިވެސް މުހުތާޒް ވިދާޅުވި އެވެ.