ENGLISH
01 ޖޫން 2026
އެއަރ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާއަށް އަހަރެއް: އާއިލާތަކުގެ އިންތިޒާރާއި ހިތާމައަށް ނިމުމެއް ނެތް
01 ޖޫން 2026
|
އެއާ އިންޑިއާއިން ދަތުރުކުރި ޖާވިދްގެ އާއިލާ-- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
މިދިޔަ އަހަރުގެ ޖޫން މަހު އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓް AI171 ވެއްޓުނު ހާދިސާއަށް އަހަރެއް ފުރިގެންދާއިރު، އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތައް އަދިވެސް ތިބީ ކޮޅެއް ނެތް ފަދަ ހިތާމައެއްގަ އެވެ.
މި ހާދިސާގައި އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އިމްތިޔާޒް އަލީގެ ކޮއްކޮ ޖާވިދު އާއި އޭނާގެ އަންހެނުން މަރިޔަމްގެ އިތުރުން އެމީހުންގެ ދެ ދަރިން މަރުވިއެވެ. މުޅި އާއިލާ އެއްކޮށް ވަކިވެގެން ދިއުމުން އުފެދުނު ފަޅުކަން މިއަދުވެސް އެ ގޭތެރެއިން އިހުސާސް ކުރެވޭ ކަމަށް އިމްތިޔާޒް ބުނެފައިވެ އެވެ. އިތުރަށް އިމްތިޔާޒު ބުނީ އޭނާގެ މަންމަ ފަރީދާ ބާނޯއަށް އިހުސާސްވަނީ ޖާވިދު އަދިވެސް ގޭގައި އުޅޭކަމުގެ އިހުސާސް ކަމަށެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ މީހެކެވެ. ބޯޓު ނައްޓާލިތާ މިނެޓެއްވެސް ނުވަނީސް ވެއްޓުނު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ތަހުގީގު ކުރާ ފަރާތްތަކުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފައިނަލް ރިޕޯޓް ނެރޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.
އެއާ އިންޑިއާއިން ދަތުރުކުރި ޖާވިދް، އޭނާގެ މަންމަ އަދި އިމްތިޔާޒު-- ފޮޓޯ: ބީބީސީ
ޔޫކޭގައި ވަޒަންވެރިވެގެން އުޅުނު ޖާވިދުގެ އާއިލާ އިންޑިއާއަށް އައީ ޗުއްޓީއަކަށެވެ. އެއީ އެ ދެމަފިރިންގެ ދަރިން އިންޑިއާއަށް ކުރި ފުރަތަމަ ދަތުރެވެ. މި ހާދިސާއަށްފަހު ޖާވިދުގެ މަންމަގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިމްތިޔާޒު ބުނީ އޭނާގެ މަންމަ އަދިވެސް ޖާވިދާ ބެހޭގޮތުން ވާހަކަ ދައްކަނީ އޭނާ ދުނިޔޭގައި ހުރި ފަދައިން ކަމަށެވެ.
އިމްތިޔާޒް ބުނި ގޮތުގައި އެއަރ އިންޑިއާ އާއި ޓާޓާ ގްރޫޕުގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަން ލިބުމުގައި ވަރަށް ބޮޑެތި ލަސްތަކެއް ކުރިމަތިވި ކަމަށެވެ. މެޑިކަލް އެހީތެރިކަމާއި، މަރުވި މީހުންގެ ތަކެތި ހޯދުމަށް ކުރި މަސައްކަތުގައި ކުންފުނީގެ ފަރާތުން އެދެވޭ އިޖާބައެއް ނުލިބޭ ކަމަށްވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.
މި ހުރިހާ ހިތާމައެއްގެ ތެރެއިންވެސް އިމްތިޔާޒަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ ޖާވިދު މަރުވުމުގެ ކުރިން ފޮނުވާފައި އޮތް އޯޑިއޯ މެސެޖަކުންނެވެ. އެ މެސެޖުގައި ޖާވިދު ވަނީ އޭނާއަށް ފެނުނު ހުވަފެނެއްގެ ވާހަކަ ކިޔައިދީފަ އެވެ. އެއީ ދެ މަލާއިކަތުން ވަޑައިގެން އޭނާ ގޮވައިގެން ދިޔުމުގެ ކުރިން ފިނިފެންމަލުގެ މީރުވަސް ދުވާ ފެނަކުން އޭނާ ފެންވަރުވައިދިން ހުވަފެނެކެވެ. އިސްލާމީ އަގީދާގެ މަތީގައި ތިބި މި އާއިލާއަށް މިއީ ޖާވިދު ދިޔައީ އަމާންކަމާއި ހިތްހަމަޖެހުމާއެކު ކަމުގެ ހެއްކެއް ކަމަށް ގަބޫލުކުރެވެ އެވެ.
އިމްތިޔާޒުގެ ވާހަކަ ނިންމާލަމުން ބުނެފައިވަނީ ބައެއް ސުވާލުތަކަކީ ހަމައެކަނި މަރުވެފައިވާ މީހުންނަށް ޖަވާބު ދެވޭނެ ސުވާލުތަކެއް ކަމަށެވެ. ތަހުގީގު ރިޕޯޓުން ބޯޓު ވެއްޓުނު ފަންނީ ސަބަބު އެނގުނު ނަމަވެސް، ގެއްލިގެންދިޔަ ލޯބިވާ މީހުން އަނބުރާ ނާންނާނެކަން އެ އާއިލާއިން މިއަދު ގަބޫލުކުރެ އެވެ.