ENGLISH
01 ޖޫން 2026
މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން މަޝްރޫއުތަކަށް ދިމާވި ދަތިތައް ހައްލު ކުރެވި، މަޝްރޫއުތައް ހަލުވިވެގެންދާނެ: ރައީސް
01 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ހައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުއިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްވަނީ ކުންފުނިތަކާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފަށާފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެލި ލަސްވި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، ދުވެލި ހަލުއިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި މިފަދަ ބައެއް މަޝްރޫޢުތަކުގެ އަދާހަމަވެސް، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ، މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާއިރު، މަޑުޖެހުނުތަން ފޫބެދިގެންދާނެކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދާއި އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ. އަދި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަކުރުމަށް ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މައުލޫމާތު ހާމަކުރުމުގައި ހުރިހާ ވުޒާރާއަކުންވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100 އިންސައްތަ ހާސިލުކުރާނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު (އާރް.ޓީ.އައި) އާ ގުޅިގެން ދޭންޖެހޭ ޖަވާބުތައް ޚަލާސްކުރެވެމުންދާ ކަމަށާއި، މުހުލަތު ހަމަވެފައިވާ މައްސަލަތަކަށްވެސް 15 ވަރަކަށް ދުވަހުގެ ތެރޭގައި ޖަވާބުދާރީވެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، އިސްވެ މައުލޫމާތު ހިއްސާކުރުމުގެ ނިޒާމެއް އޮތުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.