ENGLISH

01 ޖޫން 2026

Advertisement

އުފާވެރި ޚަބަރެއް؛ މި މަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރުގެ ލިމިޓަށް ލުއިތަކެއް ދޭނެ

01 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ޑޮލަރު ހޭދަކުރަންޖެހޭތީ ޑޮލަރުން ދޭ ބައެއް ހިދުމަތްތަކުގައި ހިފަހައްޓާފައިވާ ހިފަހެއްޓުންތަކަށް މި މަސް ނިމުމުގެ ކުރިން ލުއިތަކެއް ބޭންކުން ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޑޮލަރުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބޭންކުން ކުރަންޖެހޭ ހޭދައާއި ބޭންކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ މެދުގައި ހުރި ފަރަގު ބޮޑުވުމުގެ ސަބަބުން ބޭންކުންވަނީ ބޭންކުން ދޫކޮށްފައިވާ ދިވެހި ރުފިޔާ ޑެބިޓު އަދި ކްރެޑިޓު ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްކުރުމުގައި ބައެއް ހިފަހެއްޓުންތައް ތަންފީޒުކޮށްފައެވެ. 

އެގޮތުން އީ-ކޮމާސް ވެބްސައިޓުތަކުގައި ވިޔަފާރިކުރުމަށް ޑޮލަރު ދޫކުރުމުގައި، ދުވާލެއްގެ މައްޗަށް ވަކި މިންވަރަކަށް ޑޮލަރު ދޫކުރާ ގޮތަށް ހަމަޖައްސާފައިވާއިރު، މަހެއްގެ މައްޗަށް ކާޑަކުން ކުރެވޭ މުއާމަލާތްތަކުގެ އަދަދު ހިފަހެއްޓުމަށް ބޭންކުން ނިންމާފައިވެއެވެ. 

އެ ނިންމުންތަކާ ގުޅޭ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ބޭންކުން ގެނައި ބަދަލަކީ ޑޮލަރުން ދޭ ހިދުމަތްތައް ދިނުމުގައި ބޭންކަށް ކުރިމަތިވި ދަތިތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެންމެ ފަހުން ބޭންކުން މައުލޫމާތު އޮޅުންފިލުއްވީ އިއްޔެކަމަށާއި، ބޭންކުން ބުނެފައިވަނީ މަހުގެ ނިޔަލަށް ލުއިތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ކަމުގައެވެ. 

"އެހެން ނަމަވެސް އިއްޔެގައި އަޅުގަނޑު ބޭންކުން މައުލޫމާތު ހޯދައި ބެލިއިރުގައި މި މަސް ނިމޭ ހިސާބު އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއި ކޮށްދޭނެ ކަމުގެ އިޝާރާތެއް ދެއްވާފައިވަނީ،" ރައީސް ވިދާޅުވިއެވެ. 

ބީއެމްއެލްއިން ބުނި ގޮތުގައި ބޭންކުން އެޅި ފިޔަވަޅުތަކަކީ އެ ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ބޭންކުން ޑޮލަރު ހޭދަކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ޑޮލަރުން ފޯރުކޮށްދޭ ހިދުމަތްތައް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނެކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކެކެވެ. 

މި ފިޔަވަޅުތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކާޑުތަކުން މުއާމަލާތްކުރުމަށް ވަކި އަދަދަކަށް ޑޮލަރު ހާއްސަކުރުމުގެ އިތުރަށް ބޭރުގައި ކާޑު މެދުވެރިކޮށް މުއާމަލާތެއް ކުރާއިރު، ކާޑު ބޭނުންކުރަނީ ކާޑުގެ ވެރި ފަރާތްކަން ކަށަވަރުކުރުމަށް އިމިގްރޭޝަނާ ގުޅިގެން ހާއްސަ ނިޒާމެއް ބޭންކުން ތައާރަފުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު