ENGLISH

01 ޖޫން 2026

Advertisement

ކިންގްސް ކަޕް: ޗެމްޕިއަން އާރްއާރްސީއަށް ދެވަނަ ބަލި، ކޮންރެޑުން ސްޓެލްކޯ ބަލިކޮށްފި

01 ޖޫން 2026

|

އިސްމާއިލް ޝާހު

ކިންގްސް ކަޕުގައި އާރްއާރްސީ އާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގައި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ކުޅުނު ދެވަނަ މެޗުންވެސް ބަލިވިއިރު، ކޮންރެޑް މޯލްޑިވްސްއިން ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބަލިކޮށްފިއެވެ.

ގްރޫޕް ބީގައި ހިމެނޭ އާރްއާރްސީ ބަލިވީ އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 2-1 ގެ ނަތީޖާއަކުންނެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ހާފިޒެވެ. އެކަމަކު އެސްޓީއޯއިން ވަނީ ކުޅުން ރަނގަޅުކޮށް، ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑުތައް އެސްޓީއޯއަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރާހިލް ރަޝީދާއި، އަލީ ހުމޭޒެވެ.

މި މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ގްރޫޕް ބީގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ އެސްޓީއޯއެވެ. ދެވަނައިގައި އޮތީ 3 ޕޮއިންޓް ހޯދާފައިވާ ކުލަބު ހޯކްސްއެވެ. ފުވައްމުލައް ސިޓީގެ ފިސްޑާ އާއި، އާރްއާރްސީއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ގްރޫޕް ސީގައި ރޭ ކޮންރެޑުން ވަނީ 2-1 ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށްފައެވެ. މި މެޗުގައި ކޮންރެޑުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަނާއު ނަސީރެވެ. އަދި ސްޓެލްކޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނަޒާމެވެ.

ކިންގްސް ކަޕުގައި ކޮންރެޑާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ 

މި ގްރޫޕުގައި ރޭ ކޯރާ ކޯރާ މޯލްޑިވްސްއިން ވަނީ 1-0 ގެ ނަތީޖާއަކުން ކުލަބު ބިނާރާ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ބިނާރާގެ މުޙައްމަދު ނާއިޝް އިބްރާހީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެއާއެކު ގްރޫޕް ސީގައި ރޭ ކުޅުނު ދެ މެޗަށްފަހު މި ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ކޯރާ ކޯރާއެވެ. ސްޓެލްކޯ އާއި ކޮންރެޑަށް 3 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން މި ވަގުތު ކުރި ލިބެނީ ސްޓެލްކޯއަށެވެ. އަދި ބިނާރާ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ކުލަބު އެމްޓީސީސީން ވަނީ 2-0 ގެ ނަތީޖާއަކުން އެއިޓީފޯ އެފްސީ ބަލިކޮށްފައެވެ. މި މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ ޖުމައިލް ޖަމީލް އާއި، އިސްމާޢީލް ވަޖީހެވެ.

މި މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ގްރޫޕް އޭގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ އެމްޓީސީސީއެވެ. ދެވަނައިގައި އޮތީ 3 ޕޮއިންޓް ހޯދާފައިވާ އެއިޓީފޯއެވެ. އުތީމު އެފްސީ އާއި، އެޗްޕީއެސްއެންއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމާއީ، ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލާ ދެ ޓީމެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ކިންގްސް ކަޕުގެ މެޗެއް ދެން ކުޅޭނީ މާދަމާރެއެވެ.

  • އެޗްޕީއެސްއެން - އުތީމު އެފްސީ (20:30)
  • ކުލަބު ހޯކްސް - ފިސްޑާ (22:00)
ކިޔުންތެރިންގެ ހިޔާލު