ENGLISH

01 ޖޫން 2026

Advertisement

ރައީސް ތަފާތު؛ އަމިއްލަފުޅު ދަތުރުފުޅުގައި ސަރުކާރު ފައިސާ ހަރަދުނުކުރައްވާ، މުވައްޒަފުންނަށް އަމިއްލަ ޖީބުން ހަރަދު ދެއްވާ

01 ޖޫން 2026

|

އައިމިނަތު ޝަފާ

އެމަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅުތަކުގައި ސަރުކާރާއި ރައްޔިތުންގެ ފައިސާ ހަރަދު ނުކުރައްވާކަމަށާއި އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ރައީސް އޮފީހުގެ މުވައްޒަފުންގެ ހަރަދުތައް ބައެއް ފަހަރު އަމިއްލަފުޅަށް ހަމަޖައްސަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނު ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގައި ސަރުކާރުގެ ފައިސާ ހަރަދުކުރައްވާފައި ނުވާނެ ކަމަށެވެ. 

"އަމިއްލަ ދަތުރެއް ކުރި އެއްވެސް ދަތުރެއްގައި، އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި، އަޅުގަނޑުގެ އާއިލާގެ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންކޮށްފަ ނުހުންނާނެ އެއްވެސް ދަތުރެއްގައި،". ރައީސް ވިދާޅުވި އެވެ.

ޗުއްޓީ ދަތުރުފުޅުތަކުގައި ވަޑައގެންނެވި ނަމަވެސް އެފަދަ ދަތުރުފުޅުތަކުގައިވެސް ރަސްމީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވާކަމަށާއި އަދި އެފަދަ ދަތުރުފުޅުތަކުގައި ރައީސް އޮފީހުގެ މުވައްޒަފަކު އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާ ކަމަށެވެ.  

"ރައީސް އޮފީސް ކުއްޖަކު ދާނެ މިތަނުގެ ޕްރިންޓަރާއި ސްކޭނަރާއި ހުރިހާ އެއްޗެއް ހިފައިގެން، ގޮސް އެތަނުގައި ސެޓުވެގެން މިކޮޅުން ފޮނުވާ ހުރިހާ ނޯޓުތަކާއި ސިޓީތަކާއި އެއްޗެހި ޕްރިންޓްކޮށް ހައްދާ. އަޅުގަނޑު އެ އެއްޗެހީގައި ސޮއިކޮށް ހުރިހާ ކަމެއް ކުރަން،". ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އެގޮތަށްދާ ދާ މުވައްޒަފުގެ ހަރަދު ބައެއް ފަހަރު އެމަނިކުފާނު އަމިއްލަފުޅަށް ކުރައްވާތީ  ރައީސް އޮފީހުން ވެސް އެއީ ދުވަހަކު ވެސް އެތަނުގައި ކުރި ކަމެއް ނޫނޭ ބުނެ، އެކަން ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ގަބޫލު ނުކުރެވެނީ އަޅުގަނޑު ޗުއްޓީގަ މިހިރީ ގޮސް، މިއަދާއި ހަމައަށްއައިއިރު އެއްވެސް ހަރަދެއް، އަޅުގަނޑުގެ ވެސް، އަޅުގަނޑުގެ އަންހެނުންގެ ވެސް، ދަރިންގެ ވެސް ނުހުންނާނެ އަޅުގަނޑުގެ އެއްވެސް އަމިއްލަ ދަތުރެއްގައި ސަރުކާރުގެ ހަރަދުގައި،". ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ހުރިހާ ރައީސުންވެސް އެކަން އެބީދައިން ކުރެއްވިކަމަށާއި މިހާރުވެސް ސަރުކާރުގެ ހަރަދުގައި ކުރީގެ ބައެއް ރައީސުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެމަނިކުފާނު އެކަން އެގޮތަށް ނުކުރައްވާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު