ENGLISH
01 ޖޫން 2026
ނާއިބު ރައީސް ވަކިކުރާ ވާހަކައަކީ ދޮގެއް: ރައީސް
01 ޖޫން 2026
|
ރައީސް މުއިއްޒު، ނާއިބު ރައީސްއާއެކު.
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް މަގާމުން ވަކިކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު މިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަކީ ބުހުތާނު ދޮގަށްވުރެ ވެސް މަތީ ލެވެލްއެއްގެ ދޮގުހެދުން ކަމަށެވެ.
"ވީޕީ ހުސައިން މުހައްމަދު ލަތީފް ވަކިކުރާ ވާހަކަ، ހަމަ އެ ލެވެލްގެ ވާހަކައެއް އެއީ. ކޯންޗެއްތޯ ކްރިއޭޓް ކުރަން މިއުޅެނީ؟ މިއީ ޕޮލިޓިކްސް އެއްވެސް ނޫނެންނު، ޑާޓީ ޕޮލިޓިކްސްއެއް ވެސް ނޫން މިއީކީ، މުޅިން އެހެން ލެވެލްއެއްގެ ޕޮލިޓިކްސް، ޑެސްޕަރޭޓްނެސް ޓު ދަ މެކްސިމަމް ނޫންތޯ މިއީ،" ރައީސް ވިދާޅުވި އެވެ.
މި ވާހަކަފުޅުތަކާ ގުޅުވާލައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން އޮތްގޮތާމެދު ހަމްދަރުދީވެވަޑައިގަންނަވާކަމަށާއިި މިއަދު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ނަމުގައި ތިއްބެވީ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފަތުރާ ވާހަކަތަކުގައިވެސް އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާކަމަށެވެ.
ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ އަރިހުގައި އިސް ސަފުގައި ތިއްބެވީ ވެސް މިފަަދަ ހަގީގަތާ ހިލާފް ވާހަކަތައް ފަތުރާ މީހުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވީއިރު އެމަނިކުފާނާ ގުޅުވައި ތަކުރާރުކޮށް ހަގީގަތާ ހިލާފް ވާހަކަތައް ފަތުރާ މައްސަލަ އަންނަނީ ބޮޑުވަމުންނެވެ. މިފަދަ ބައެއް މައްސަލަތައް ކޯޓުން ވެސް އަންނަނީ ބަލަމުންނެވެ.
އެގޮތުން އަދަދު ނޫހުން ރައީސްގެ އިސްތަށިފުޅުގައި ދޮގު ބަދުނާމެއް އަޅުވައި ޑޮކިއުމެންޓްރީއެއް ތައްޔާރުކުރި މައްސަލައާ ގުޅިގެން މައްސަލަ ރައްދުވެފައިވާ "އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޝަރީއަތް އަންނަ ހޯމަދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ހަގީގަތާ ހިލާފް ވާހަކަތަކެއް ދެއްކި މައްސަލައެއްގައި އެ ވާހަކަ ދެއްކި ބޭފުޅުން ފުލުހަށް އަދި ސިވިލް ކޯޓަށް މިއަދު ހާޒިރުކުރި އެވެ.