ENGLISH
01 ޖޫން 2026
ޑރ.އަލްމިސީރީގެ މަންޒޫރުން؛ ޞިހުޔޫނިއްޔަތާއި ފަލަސްޠީނުގެ އިސްތިޢުމާރު
01 ޖޫން 2026
|
މިޞްރުގެ އިސްލާމީ މުފައްކިރު އަދި ފަލްސަފާވެރިޔާ ޑރ.ޢަބްދުލްވައްހާބް އަލްމަސީރީ
އެންމެ މަޤްބޫލު
ޑރ.ޢަބްދުލްވައްހާބު އަލްމިސީރީއަކީ މިޞްރުގެ މުފައްކިރެކެވެ. ޢިލްމުވެރިއެކެވެ. އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީއާއި ރަޓްގާސް ޔުނިވާސިޓީން މަތީ ތައުލީމުގެ ފަހު މަރުހަލާތައް ފުރިހަމަކުރެއްވި ޑރ.އަލްމިސީރީގެ އެންމެ ބޮޑު އަދި އެންމެ އަގުހުރި މަސައްކަތްޕުޅަކީ ޒައަނިޒަމްއާއި ޔަހޫދިއްޔަތު ދިރާސާކުރައްވައި ލިޔުއްވާފައިވާ ބޮޑު އެންސައިކްލޮޕީޑިޔާއެވެ. އެ އެންސައިކްލޮޕީޑިއާއަކީ ޞިހުޔޫނީ ހަރަކާތުގެ ބޭރުން، އެ ހަރަކާތާ ގުޅޭ ގޮތުން މިހާތަނަށް ލިޔެވިފައިވާ އެންމެ ތަފުސީލު ދިރާސާއެވެ. އަޅުގަނޑު އަތުގައި އޮތީ މި ފޮތުގެ 9 މުޖައްލަދުގެ މައްޗަށް އެކުލެވޭ ކޮޕީއެކެވެ. ނުވަތަ ޗާޕެކެވެ. އެހެންކަމުން މި ބޮޑު ފޮތް މިފަދަ ލިޔުމެއްގައި ޚުލާޞާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މި ފޮތުގައި ހުރި މުހިއްމު ބައެއް ފިކުރުތަކާއި ބައެއް ތާރީޚީ ޙަޤީޤަތްތައް ކުރުކޮށް މި ލިޔުމުގައި ހިމަނައިލެވޭތޯ މަސައްކަތްކުރާނަމެވެ.
ޑރ.މިސީރީގެ ދިރާސާއަކީ ތާރީޚީ ދިރާސާއެކެވެ. ޔަހޫދީންގެ ތާރީޚެވެ. އަދި އެ ތާރީޚުގެ ތެރެއިން ޞިހުޔޫނިއްޔަތުގެ ފިކުރާއި ހަރަކާތް އުފަންވި ގޮތުގެ ތާރީޚެވެ. ޑރ.މިސީރީ ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީންނަނީ ޤަދީމީ ޒަމާނުއްސުރެ އަމިއްލަ ވަޒަނެއް ނެތި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބެހިފައިވާ ޖަމާޢަތްތަކެކެވެ. ޔަހޫދީންގެ ތާރީޚަކީ ވަކި އިންސާނީ އެއް ޖަމާޢަތުގެ ތާރީޚަށްވުރެ ބޮޑަށް ޔަހޫދީ ޖަމާޢަތްތައް (ޖިވިޝް ކޮމިއުނިޓީސް)ގެ ތާރީޚެވެ. ހުޅަނގު ޔޫރަޕާއި އިރުމަތީ ޔޫރަޕުގައި ދިރިއުޅުނު ޔަހޫދީންނާއި އެމެރިކާއަށް ހިޖުރަކޮށް އެ ޤައުމުގައި ވަޒަންވެރި ޔަހޫދީންގެ ތާރީޚު މި ފޮތުގައި ވަރަށް ތަފުސީލީ ގޮތެއްގައި ޑރ.މިސީރީވަނީ ގެނެސްދެއްވާފައެވެ.
ޑރ.މިސީރީ ދެކެވަޑައިގަންނަވާ ގޮތުގައި ޔޫރަޕުގެ ޔަހޫދީންނާމެދު ޔޫރަޕުގެ ދައުލަތްތަކުން ދެކެމުންއައީ ވަކި ވަޒީފާއެއް އަދާކުރާ ޖަމާޢަތެއްގެ ގޮތުގައެވެ. ނަޞާރާ ދީނުގެ ބާރު ޔޫރަޕުގެ މައްޗަށް ގަދައަށް ހިނގި ޒަމާނުގައި މާލީ ކަންކަމުގައި އުޅުން ނުވަތަަ ފައިސާގެ ވިޔަފާރިކުރުން އޮތީ ހުތުރު މުޑުދާރުކަމަކަށްވެފައެވެ. އެހެންކަމުން މާލީ ކަންކަމަށް ޚާއްޞަ، ރަސްރަސްކަލުންނާއި ޝާހީ އަދި ޢިއްޒަތްތެރިންގެ މާލީ ހިސާބުތައް ބަލަހައްޓައި މެނޭޖުކުރުމުގެ މަސައްކަތްކުރާނެ ނަޞާރާއިންނެއް ނުތިބެއެވެ. އެހެންކަމުން މިކަން އެ ޒަމާނުގައި ކުރީ ޔޫރަޕުގެ ޔަހޫދީންނެވެ. މިއީ މަޝްހޫރު ޔަހޫދީ ޢާއިލާތަކުން ބޭންކުތައް ޤާއިމުކުރި ގޮތެވެ. މިސާލަކަށް ރޮތްޝައިލްޑްސް އާއިލާ ޔޫރަޕުގެ 5 ސަރަހައްދެއްގައި ބޭންކުތައް ޤާއިމުކޮށް އެކި ދައުލަތްތަކަށް ލޯނު ދީ ހެދީ މި ދެންނެވި ހުސްކަމުގެ ތެރެއިންނެވެ.
ނަމަވެސް ސިނާއީ އިންޤިލާބާއި ރައުސުލްމާލީ ނިޒާމު ތައާރަފުވުމާއި، ޔޫރަޕުގައި ދީނަށް އޮތް އަހަންމިއްޔަތުކަން މަޑުމަޑުން ނެތިވާން ފެށުމުން ޔަހޫދީންގެ މި ވަޒީފާ ނުވަތަ މަސައްކަތް އެހެން މީހުންވެސް ކުރަން ފެއްޓިއެވެ. އިއުތިގާދާއި ނަސްލުގެ ގޮތުން ޔޫރަޕުގެ އަހުލުވެރިންނާ ގާތް މީހުންނެވެ. އެ ހިސާބުން ޔަހޫދީންނަށް ޔޫރަޕުގެ މުޖުތަމަޢުތަކުގައި ލިބިފައި އޮތް މަޤާމު އެ މައްޗަށް ބިނާވި ވަޒީފާ ޔަހޫދީންނަށް ޚާއްޞަވެފައި އޮތް އޮތުން ނިމުމަކަށް އައެވެ. އަދި ޔޫރަޕުގެ ވަރަށް ގިނަ ދައުލަތްތަކުން ޔަހޫދީންނަކީ އެ މީހުންނަށް އުފުލަންޖެހިފައިވާ ބުރައެއް ކަމުގައި ބަލަން ފެށިއެވެ. މި ނަސްލީ ތަފާތުކުރުމުގެ ފަލްސަފާއަށް އާންމު ޔޫރަޕުގެ މީހުންގެ މެދުގައިވެސް މަޤުބޫލުކަން ލިބުނެވެ. މާޒީގައި ޔަހޫދީން އަދާކުރި ވަޒީފާގެ ތަބީއަތުގެ ސަބަބުން ޖީލުތަކަށް ދެމިގެންދާ ތަނަވަސްކަން އެ މީހުންގެ ތެރެއިން ބައެއް މީހުންގެ އަތުގައި ޖަމާވެފައި އޮތުމަކީވެސް މި ވިސްނުން ޔޫރަޕުގެ އާންމުންގެ މެދުގައި އަށަގަނެ ތަފާތު މުއާމަރާތީ ނަޒަރިއްޔާތަކަށް (ކޮންސްޕިރަސީ ތިއަރީސްއަށް) ޖާގަ ލިބުނު ސަބަބެކެވެ. ދަހިވެތިކަމާއި ހަސަދަވެރިކަމަށްވުރެ ބޮޑަށް ފިތުނައިގެ އަލިފާން ފަސޭހައިން ރޯކުރާނެ ދަރެއް ނޯންނާނެއެވެ.
މަތީގައި ބަޔާންކޮށްފައިވާ ޙާލަތަކީ ޞިހުޔޫނީ ފިކުރުގެ ގަސް ގޮވާންކުރަން އެންމެ ރަނގަޅު ހެޔޮ ބިމަށްވިއެވެ. ޞިހުޔޫނީ ފިކުރު އުފަންވީ އެ ހާލަތްތަކާއި ތާރީޚީ ޙަޤީޤަތްތަކުގެ ރަހިމުން ކަމަށް ޑރ.އަލްމިސީރީ ލިޔުއްވައެވެ. އެގޮތުން 1890 ވަނަ އަހަރު ނަތާން ބާންބައުމް ނަމަކަށްކިޔާ ޔަހޫދީ މުފައްކިރެއް އަދި ލިޔުންތެރިއެއް ޒައަނިޒަމް މި ލަފްޒު ބޭނުންކޮށްގެން ލިޔުމެއް ޝާއިއުކުރިއެވެ. ނަމަވެސް އެއީ މި ލަފުޒު ބޭނުންކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. އޭގެ ކުރިން ސްވިޒްލޭންޑުގައި އޮސްޓްރިއާއަށް ނިސްބަތްވާ ޔަހޫދީއެއް ކަމުގައިވާ ތިއޭޑޯ ހާޓްޒެލްވެސް މި ލަފުޒު ބޭނުންކޮށްފައިވެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޞިހުޔޫނީ ފިކުރާއި ހަރަކާތުގެ މުއައްސިސަކީ ހާޓްޒެލްއެވެ.
ހާޓްޒެލްގެ ގޮވައިލުމަށް ފުރަތަމަ ޔަހޫދީ ކޮންވެންޝަން 1897 ވަނަ އަހަރު ބާއްވާފައިވެއެވެ. އޭގެ އަހަރު ދުވަސްކުރިން "ދަ ޖިވިޝް ސްޓޭޓު" ނަމުގައި ޕޭމްފްލެޓެއް އޭނާ ޝާއިއުކުރިއެވެ. އިސްރާއީލު އުފެދުމުގެ 40 އަހަރު ކުރިން ހާޓްޒެލް މަރުވި ނަމަވެސް އޭނާއަކީ ޞިހުޔޫނީ ހަރަކާތް ބައިނަލްއަޤުވާމީ ފެންވަރުގައި ނުފޫޒުހުރި ހަރަކާތަކަށް ހެދުމުގައި އެންމެ މުހިއްމު ދައުރު އަދާކުރި ޝަޚުޞިއްޔަތެވެެ. އޭނާއަކީ ކުޅަދާނަ ޑިޕްލޮމެޓެެއް އަދި ޕްރޮޕެގަންޑިސްޓެއް ނުވަތަ ފިކުރު ފަތުރާ މީހެކެވެ.
ހާޓްޒެލްގެ ފިކުރު އުފަންވީ ދީނީ އިއުތިގާދުގެ ތެރެއިންނެއް ނޫނެވެ. ނަމަވެސް ސިޔާސީ ހަރަކާތްތަކުގެ ތެރެއިންނެވެ. އޭނާގެ ބަސްދީގަތުމެއްގައި ޔަހޫދީންނަށް އަމިއްލަ ވަޒަނެއް އޮތުމުގެ މުހިއްމުކަން އޭނާއަށް ވިސްނުނު ގޮތާ ގުޅޭ ގޮތުން ދައްކާފައިވާ ބައެއް ވާހަކަތައް ޑރ.އަލްމިސީރީ ނަކަލުކުރައްވާފައިވެއެވެ. އެގޮތުން ފްރާންސަށް ނޫސްވެރިއެއްގެ ގޮތުގައި ހިޖުރަކުރި ދުވަސްވަރަކީ ޖަރުމަނު ސިފައިންނަށް ފަރަންސޭސިވިލާތުގެ އަސްކަރިއްޔާގެ މުހިއްމު ލިޔެކިޔުންތަކެއް ދިން ކަމުގެ ތުހުމަތުގައި އަލްފްރެޑް ޑްރޭފަސް ނަމަކަށް ކިޔުނު ޔަހޫދީއެއްގެ މައްޗަށް ދައުވާކޮށްގެން އުޅުނު ދުވަސްވަރު ކަމަށް އޭނާ ލިޔުނެވެ. މި ހާދިސާ އެއިރު މަޝްހޫރުވެފައިވަނީ ޑްރޭފަސް އެފެއާސްގެ ގޮތުގައެވެ. އެއިރު އޭނާއަށް ފެނުނު ގޮތުގައި، ޔަހޫދީންނަށް ނަފުރަތުކުރުމުގެ ހުޅުގަނޑާއި އޭގެ އަނިޔާއާއި ދިލައިން ޔަހޫދީންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ޔަހޫދީންގެ އަމިއްލަ ވަޒަނެއް ޤާއިމުކޮށް އެތަނަށް ޔަހޫދީން ހިޖުރަކުރުމެވެ.
ހާޓްޒެލްގެ މަސައްކަތުން ބަސެލް ޕްރޮގުރާމު ނަމަކަށް ކިޔުނު ޕްރޮގުރާމެއް ވުޖޫދުވިއެވެ. އެއީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނަށް އަމިއްލަ ވަޒަނެއް ޤާއިމުކުރުމުގެ ފިކުރެވެ. އެ ޕްރޮގުރާމު ވުޖޫދަށް އައުމާއެކު ހާޓްޒެލްގެ ޤިޔާދަތުގައި ޞިހުޔޫނީ ހަރަކާތް ރަސްމީ ސިފައެއްގަައި އުފަންވެ، ފަލަސްޠީނުގެ ބިމުގައި ޔާހޫދީންނަށް ވަޠަނެއް ޤާއިމުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަން ފެށިއެވެ. މި މަސައްކަތަށް ޔަހޫދީންގެ ތެރެއިން ތަނަވަސް ފައިސާހުރި ފަރުދުން ދިޔައީ ހޭދަކުރަމުންނެވެ.
ޞިހުޔޫނީ ފިކުރަކީ އެއިރުވެސް މިހާރުވެސް ހުރިހާ ޔަހޫދީން ތާއީދުކުރާ ފިކުރެއް ނޫނެވެ. ބެލްފޯގެ ވަޢުދަށްވުރެ ކުރިން އަދި ކިއެއްތަ ބެލްފޯއަށް އޭނާ ޔަހޫދީންނަށް ފަލަސްޠީނުން ބިމެއް ހަމަޖައްސައިދޭނެ ކަމަށް ވައުދުވާނެކަން އެނގުމުގެވެސް ކުރިން، ޔަހޫދީންގެ ތެރެއިން ދީންވެރި ޔަހޫދީން ޞިހުޔޫނީ ފިކުރާ ދެކޮޅަށް ތެދުވިއެވެ. ޑރ.އަލްމިސީރީ ވިދާޅުވި ގޮތުގައި ޔަހޫދީންގެ ތެރެއިން ދީންވެރި ޔަހޫދީން ދެކުނު ގޮތުގައި ޔަހޫދީންނަށް އެ މީހުންގެ އަމިއްލަ ވެރިކަމެއް ޤާއިމުކޮށްދޭނީ އެ މީހުންގެ ދީނީ ފޮތްތަކުގައި ނަންގަނެފައިވާ މަސީހެވެ. އޭގެ ކުރިން އަމިއްލައަށް ދައުލަތެއް ޤާއިމުކުރުމަކީ އަދި އެކަމަށް މަސައްކަތްކުރުމަކީވެސް އެމީހުންގެ މުޤައްދަސް ފޮތްތަކާ ޚިލާފު ކަމެއް ކަމުގައި ދީންވެރި ޔަހޫދީން ދެކެއެވެ.
އިސްރާއީލަކީ ޔަހޫދީ ދައުލަތެއް ކަމުގައި ބުނި ނަމަވެސް އިސްރާއީލަކީ ޠަބީޢަތުގައި އަލްމާނީ ނުވަތަ ސެކިއުލާ ދައުލަތެކެވެ. އިސްރާއީލުގެ ޔަހޫދީވަންތަކަން ގުޅެނީ ނަސްލާއެވެ. ޔަހޫދީ ނަސްލުގެ މީހުންނަށް އިސްރާއީލަކީ ވަޒަނެވެ. އެ މީހުންގެ ވަޠަނެވެ. އެގޮތަށް އިސްރާއީލުން ދެކޭ ދެކުމަކީވެސް ޔަހޫދީންގެ ތެރެއިން ދީންވެރި ޔަހޫދީންނަށް އިސްރާއީލުގެ ކޮންސެޕްޓު ނުވަތަ މަފުހޫމު ކަމުނުދާ އެއް ސަބަބެވެ. އެ މީހުންގެ އިއުތިޤާދުގައި ޔަހޫދީވަންތަކަމަކީ ދީނީ އިއުތިގާދާ ގުޅިފައިވާ ކަމެކެވެ. އެއީ ނަސްލީ ކަމެއް ނޫނެވެ.
ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނަށް ޚާއްޞަ ދައުލަތެއް ޤާއިމުކުރުމާ އެންމެ ފުރަތަމަ ދެކޮޅަށް ވާހަކަދެއްކެވި އެއް ބޭފުޅަކީ ފަލަސްޠީނަށް އުފަން ހާޚާމް މޯޝެ ހިރްޝްއެވެ. އޭނާއަކީ ޔަހޫދީ ދީނީ ޢިލްމުވެރިއެކެވެ. އޭނާ ވިދާޅުވެފައިވާ އިބާރާތެއް ޑރ.އަލްމިސީރީގެ މައުސޫޢާގައި ނަކަލުކުރައްވާފައިވެއެވެ. އެއީ "ޞިހުޔޫނިއްޔަތަކީ ސީދާ ޔަހޫދީ ދީނާ ދެކޮޅު ވިސްނުމެއް. އެ ވިސްނުން ބޭނުންވަނީ ޔަހޫދީންނަކީ ޤައުމެއްގެ ގޮތުގައި ތަޢުރީފުކޮށް ކަނޑައަޅަން، އެއީ ސީދާ ކުފުރު" މި އިބާރާތެވެ.
މި ވިސްނުމަކީ އިރުމަތީގެ ޔަހޫދީންގެ ވިސްނުމެއް އެކަންޏެއް ނޫނެވެ. އެމެރިކާގެ ޔަހޫދީ އިލްމުވެރިއެއް ކަމުގައިވާ އެލްމާ ބާގާވެސް އެ ވިސްނުން ހާމަކުރައްވާފައިވެއެވެ. 1968 ވަނަ އަހަރު އޭނާ ދެއްވި ތަޤުރީރެއްގައި ވިދާޅުވެފައިވަނީ، މިހާރު ޤާއިމުކޮށްފައިވާ އިސްރާއީލުގެ ދައުލަތް ޤާއިމުކުރެވިފައިވަނީ ދީނުގައި ދައުލަތެއް ޤާއިމުވާނެ ކަމަށް އައިސްފައިވާ ޚަބަރުތައް ތެދުކުރުމަށް ނުވަތަ ހަގީގަތަކަށް ހެދުމަށް ކަމުގައި އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށެވެ.
އިސްރާއީލުގެ ފިކުރާ ދެކޮޅު ހެއްދެވީ ހަމައެކަނި ޔަހޫދީ މުފައްކިރުންނާއި ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ސިޔާސީ ބައެއް ލީޑަރުންވެސްވަނީ އެ ފިކުރާ ދެކޮޅުހައްދަވާފައެވެ. އެއިން އެއް ބޭފުޅަކީ ބެލްފޯރުގެ ވައުދުވި ޒަމާނުގައި އިނގިރޭސި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ޔަހޫދީ ބޭފުޅެއް ކަމުގައިވާ އެޑްވިން މޮންޓާގޫއެވެ. އޭނާގެ ރައުޔައަކީ އިސްރާއީލުގެ ނަމުގައި ދައުލަތެއް ޤާއިމުކުރުމަށްވުރެ ޔަހޫދީންނަށް ރަނގަޅު ގޮތަކީ ފަލަސްޠީނުގައި އެ ބިމުގެ އަހުލުވެރި އަރަބިންނާއެކު އެއް ބައެއްގެ ގޮތުގައި ދިރިއުޅުމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ބިމަކީ އެތައް ސަތޭކަ އަހަރަކަށް ސަމާވީ ތިން ދީނުގެ އަހުލުވެރިން ސުލްހަވެރިކަމާއެކު އެކީގައި ދިރިއުޅެމުން އައި ބިމެކެވެ.
ޑރ.މިސީރީގެ ބޮޑު އެންސައިކްލޮޕީޑިޔާގެ 7 ވަނަ ވޮލިއުމް ޚާއްޞަކުރައްވާފައިވަނީ އިސްރާއީލު ޤާއިމުކުރުމަށް ފަލަސްޠީނުގެ ބިމުގައި ޞިހުޔޫނީ އާބާދުވުންތައް ޤާއިމުކުރި ގޮތާ ގުޅޭ ގޮތުންނެވެ. އެގޮތުން އެ އާބާދުވުންތައް ޤާއިމުކުރީ ޞުލްޙަވެރި އުސްލޫބުން ނޫންކަމާއި ހަތިޔާރު އެޅި ހަރަކާތުގެ ތެރެއިން ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރާއި ބިންތަކުން ނެރެ ހިޖުރަކުރާން މަޖުބޫރުކުރުވައިގެންކަން އޭނާގެ މި ފޮތުގައި ވަރަށް ތަފުސީލުކޮށް ތާރީޚީ ހަގީގަތްތަކާއެކު ބަޔާންކުރައްވާފައިވެއެވެ.
އެގޮތުން ފަލަސްޠީނުގެ ބިންތަކަށް ހިޖުރަކުރި ޔަހޫދީން އިންތިޒާމީ ސަފައެއްގައި ހިންގަން ފެށީ އާބާދުވުމުގެ އިސްތިއުމާރެއް ކަމުގައި އޭނާ ލިޔުއްވިއެވެ. އިނގިރޭސި ބަހުން މި ހަރަކާތައް ކިޔައިއުޅެނީ ސެޓްލާ ކޮލޯނިއަލިޒަމްއެވެ. ފަލަސްޠީނުގައި ހަރަކާތްތެރިވި ޞިހުޔޫނީ މުއައްސަސާއެއް ކަމުގައިވާ ހާޖާނާއިން 1943 ވަނަ އަހަރު ބުނެފައިވަނީ ޞިހުޔޫނީ އާބާދުވުންތަކުގެ މައިގަނޑު މަޤުޞަދަކީ ބިންތައް ފޭރިގަތުން އެކަނި ނޫން ކަމަށެވެ. ނަމަވެސް އެ ބިންތަކުގެ އަހުލުވެރިން ބިންތަކުން ނެރުން ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރާއި ބިމުން ނެރެ އެ ބިންތަކުގައި ޞިހުޔޫނީ އާބާދީތައް ޤާއިމުކުރުމުގެ ސިޔާސަތަކީ 1948 ވަނަ އަހަރުގެ ކުރިންނާއި ފަހުންވެސް ޞިހުޔޫނީން އިންތިޒާމީ ސިފައެއްގައި ފަލަސްޠީނުގެ ބިމުގައި ހިންގަމުން އަންނަ ސިޔާސަތެވެ.
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންގޯރިއޯން ޞިހުޔޫނިއްޔަތުގެ ތައުރީފެއް (ޑެފިނިޝަނެއް) ދެމުން ބުނެފައިވަނީ އެއީ އާބާދުވުން ކަމަށެވެ. އެ ވާހަކަ ނަކަލުކުރައްވަމުން ޑރ.އަލްމިސީރީ ވިދާޅުވެފައިވަނީ އެއީ ރަނގަޅު ތައުރީފެއް ކަމަށެވެ. އަމަލާއި ބަހުން އިސްރާއީލުން ސާބިތުކުރަމުންދަނީ އެ ދައުލަތުގެ އަދި އެ ދައުލަތް އެ ބިންގަލެއްގެ މަތީގައި ބިނާކުރި ޞިހުޔޫނިއްޔަތުގެ މަދުގައި އޮތީ އާބާދުކުރުމުގެ އިސްތިއުމާރު ކަމެވެ.
އިތުރަށް ޑރ.އަލްމިސީރީ ފާހަގަކުރެއްވި ނުކުތާއަކީ 1967 ވަނަ އަހަރަކީ އާބާދުކުރުމުގެ ސިޔާސަތުގައި މުޅިން އައު މަރުހަލާއަކށް އިސްރާއީލު ވާސިލުވި އަހަރެއް ކަމުގައެވެ. އަރަބި އިސްރާއީލު ހަނގުރާމައިގެ ތެރެއިން އިސްރާއީލުގެ އަތްދަށަށް ފަލަސްޠީނުގެ ގިނަ ބިންތަކެއް އައެވެ. އެ ބިންތަކުގައި ޞިހުޔޫނީ އާބާދުކުރުންތައް ޤާއިމުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު ޔަހޫދީން ގެނައުމުގެ އަމަލީ މަސައްކަތް އެ ހިސާބުން މެކުހަށް ޖެހިއެވެ.
އާބާދުކުރުމުގެ މަސައްކަތް ފެށުނުއިރު، އެކަމުގައި ހަތިޔާރު އެޅި ބާރެއްގެ ގޮތުގައި ހަރަކާތްތެރިވީ ޕެރަމިލިޓަރީ ޖަމާޢަތްތަކެވެ. ބައެއް ފަރާތްތަކުން މި ޖަމާޢަތްތައް ސިފަކޮށްފައިވަނީ ޓެރަރިސްޓު ގޭންގުތަކެއް ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާ އުފައްދައި މި ޖަމާޢަތްތައް އަސްކަރިއްޔާގެ ތެރެއަށް ފައްތައި، އިންތިޒާމީ ސިފައެއްގައި އެ ހަރަކާތްތައް ހިންގަން ފެށިއެވެ. މިހާރު ފަލަސްޠީނު މީހުން ގެދޮރުން ނެރެނީ ބަރު ހަތިޔާރު އެޅި ސިފައިންނެވެ. އެމެރިކާއިން ފޯރުކޮށްދޭ ޒަމާނީ ހަތިޔާރުތަކާއެކުއެވެ.
މިއީ ޑރ.އަލްމިސީރީގެ ބޮޑު ބިޔަ ފޮތުން ދެތިން ފޮޅުވަތެވެ. ޞިހުޔޫނިއްޔަތުގެ ތާރީޚާއި ފަލްސަފާއާއި ފިކުރު ނޭނގި ފަލަސްޠީނުގައި އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުލީލުކުރަން ދައްޗެވެ. އަދި ޔަހޫދީ ދީނާއި، ދުނިޔޭގެ ހުރިހާ ޔަހޫދީންނާއި އިސްރާއީލު ގުޅުވުމުގެ ފިކުރީ ކުށުން ބަރީއަވެވި ސަލާމަތްވެވޭނީވެސް މި ފަލްސަފާއާއި ހަރަކާތުގެ ތާރީޚު ބަލައި ދިރާސާކޮށްގެންނެވެ. ޑރ.މިސީރީވަނީ ޞިހުޔޫނީން ތާރީޚު މާނަކުރާ ގޮތާއި، ޢަރަބިންނާމެދު އެމީހުން ގެންގުޅޭ ނަސްލީ ތަފާތުކުރުމުގެ ފަލްސަފާއާއި، ޞިހުޔޫނީންގެ ދައުލަތް ހިންގުމާއި އިންތިޒާމުކުރުމުގެ ފިކުރިއްޔާތުގެ މައްޗަށް ފުޅާދާއިރާއެއްގައި ބަހުސްކުރައްވައި ދިރާސާކުރައްވާފައެވެ. މިހުރިހާ ވާހަކައެއް މިފަދަ ލިޔުމެއްގައި ހިމަނައިނުލެވޭނެއެވެ.
މިއަދުވެސް މައްސަލައިގެ ކުންނުގައި އޮތީ ޞިހުޔޫނީ ފިކުރުގެ އަސާސް ކަމުގައިވާ އާބާދުކުރުމާއި ބިން ފޭރުމުގެ ވިސްނުމެވެ. ފަލަސްޠީނުގެ އިސްލާމީ ތާރީޚު ނެތިކޮށްލުމުގެ ފަލްސަފާއެވެ. ޢަރަބި އުންމަތާއި ޤައުމީ ވަންތަކަމަށް ފަލަސްޠީނުން ޖާގައެއް ނުދީ، ދީނާ ދުރުން ޔަހޫދީ ޤައުމިއްޔަތެއް ބިނާކޮށް، އެ ޤައުމިއްޔަތުގެ ވަށައިގެން ދައުލަތެއް ބިނާކުރަން ކުރަމުންދާ މަސައްކަތެވެ.