ENGLISH

01 ޖޫން 2026

Advertisement

އިސްރާއީލުގެ ނިއުކުލިއާ ޕްރޮގުރާމު؛ އަސްލާއި ތާރީހާއި އިސްތިރާޖީ އަމާޒުތައް

01 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އީރާނުން ނިއުކުލިއާ ހަތިޔާރު އުފައްދަފާނެކަމުގައި ބުނެ، އެ ގައުމާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފަށައިގެން އުޅޭ އިސްރާއީލަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ނިއުކުލިއާ ހަތިޔާރު އުފައްދާފައިވާ ހަމަައެކަނި ގައުމުކަމަށް ގިނަ ތާރީހީ ހެކިތައް ދަލީލުކުރެއެވެ. ސިއްރުކުރުމަށްފަހު އާއްމުކޮށްފައިވާ ލިޔުންތަކާއި، އިސްރާއީލު ދޫކޮށް އެ ގައުމާ ދެކޮޅަށް ހެކިބަސްދީފައިވާ ބައެއް މީހުންގެ ހެކިބަހާއި، އެތައް ދަހަރެއްގެ މަތިން ޖާސޫސީ އިދާރާތަކުން އެއްކުރި މައުލޫމާތުގެ މައްޗަށް ބަލާއިރު އިސްރާއީލުން ނިއުކުލިއާ ހަތިޔާރު ހޯދި ގޮތް ސާފުކޮށް ފެންނަން އެބައޮތެވެ. 

ތާރީހީ ފަސްމަންޒަރާއި މަގުސަދު 

އިސްރާއީލުން ނިއުކުލިއާ ހަތިޔާރު ހޯދަން ގަސްތުކުރި ސަބަބުތައް ދެނެގަތުމަށް އެ ދައުލަތް އުފަންވި ތާރީހީ ސިޔާގު (ކޮންޓެކްސްޓު)ގެ ދައުރު ވަރަށް ބޮޑެވެ. އިސްރާއީލުގެ ފުރަތަމަ ބޮޑުވަޒީރު ބެން-ގޫރިއަންގެ ވިސްނުން ވަރަށް ބޮޑަށް ބައްޓަންކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނާޒީންގެ ފަރާތުން ޔޫރަޕުގެ ޔަހޫދީންނަށް ކުރިމަތިވި ނަސްލު ނެތިކޮށްލުމުގެ އަމަލުތަކެވެ. އޭނާ ދުށް ގޮތުގައި އާދައިގެ އަސްކަރީ ބާރުވެރިކަމަކީ ދެވަނަ ފަހަރަށް އެފަދަ އަނިޔާވެރި ހާލަތެއް ޔަހޫދީންނަށް ކުރިމަތިނުވާނެކަން ކަށަވަރުކުރެވޭނެ މަގެއް ނޫނެވެ. 

އެހެންކަމުން ބެން-ގޫރިއަން ހިމެނޭހެން އިސްރާއީލުގެ ބައެއް ލީޑަރުން ގަބޫލުކުރި ގޮތުގައި ސިހުޔޫނީ ދައުލަތުގެ ދެމިއޮތުމަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ބޭނުންކުރެވޭނެ ދަފަރާއަކީ ނިއުކުލިއާ ހަތިޔާރެވެ. އޭނާ ދުށް ގޮތުގައި ނިއުކުލިއާ ހަތިޔާރަކީ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރަކަށްވުރެ، އިސްރާއީލު ފަނާވުމުން މިންޖުކުރަން ބޭނުންކުރާން އޮތް ފަހު ހަތިޔާރެވެ. 

ރަސްމީކޮށް ދައުލަތެއްގެ ގޮތުގައި އިސްރާއީލު ވުޖޫދުވުމުގެ މާކުރިން ނިއުކުލިއާ ޕްރޮގުރާމެއް ހިންގުމަށް ބޭނުންވާ ސައެންސްވެރިންނާއި އިލްމުވެރިން ހޯޯދައި ފަލަސްތީނުގެ ބިމަށް ގެނައުމުގެ މަސައްކަތް ބެން-ގޫރިއަން ފެށިއެވެ. އިސްރާއީލު އުފަންވުމާއެކު ކުޑަ ދުވަސްކޮޅެއް ތެރޭގައި 1952 ވަނަ އަހަރު އިސްރާއީލް އެޓޮމިކް އެނާޖީ ކޮމިޝަން (އައިއޭއީސީ)ގެ ނަމުގައި ހާއްސަ އިދާރާއެއް ގާއިމުކޮށް ނިއުކުލިއާ ދިރާތައް ރަސްމީކޮށް ކުރިއަށްގެންދަން ފެށިއެވެ. ހަމަ އެދުވަސްވަރު އިސްރާއީލުން ޖިއޮލޮޖިކަލް އިލްމުވެރިންގެ ޓީމުތައް ނެގޭވް ސަހަރާއަށް ފޮނުވައި ޔުރޭނިއަމް ފެނޭތޯ ބެލިއެވެ. އެ ދިރާސާތަކުގެ ތެރެއިން އެ ސަހަރާއިން ޔުރޭނިއަމް ފެނިފައިވެއެވެ. 

ފަރަންސޭސި ގުޅުން 

އިސްރާއީލުގެ ނިއުކުލިއާ ޕްރޮގުރާމު ކުރިއަށް ހިނގައިގަތުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ފަރަންސޭސިވިލާތެވެ. 1950 ގެ ތެރޭގައި ދެ ގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް އެއްކީއްޔަށް ދަތުކުރާ ގޮތްވިއެވެ. އެއްކަމަކަށް އަރަބި ގައުމިއްޔަތުގެ އޮއިވަރުގެ ނުރައްކާ ދެ ގައުމަށްވެސް ކުރިމަތިވިއެވެ. އަނެއްކަމަކީ އެއިރު އެމެރިކާގެ ނިޔަތާމެދު ދެ ގައުމުގައިވެސް އޮތް ޝައްކުގެ ބޮޑުކަމެވެ. ތިންވަނަަ ކަމަކީ އެކުގައި މަސައްކަތްކުރުމުގެ ރަސްމީ އޮނިގަނޑުތަކުގެ ބޭރުން އެއްބާރުލުންދީގެން އެކުގައި މަސައްކަތްކުރުމުގެ އިސްތިރާޖީ ބޭނުންތެރިކަން ބޮޑުވުމެވެ. 

އެ ދުވަސްްވަރަކީ ފަރަންސޭސި ހަތަރުވަނަ ޖުމްހޫރިއްޔާއިން އަލްޖީރިއާގެ މިނިވަންކަމުގެ ހަރަކާތާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންއައި ދުވަސްވަރެވެ. އަލްޖީރިއާގައި މިނިވަންކަމަށް ހަނގުރާމަކުރި ޖަމާއަތްތަކަށް އެންމެ ބޮޑަށް ވާގިވެރިވަމުންދިޔައީ މިސްރުގެ ގައުމިއްޔަ ލީޑަރު ޖަމާލު އަބްދުއްނާސިރެވެ. ޖަމާލު އަބްދުއްނާސިރު އުފައްދަވަން އުޅުއްވި ފުޅާ އަރަބި އެއް ދައުލަތަކީ އިސްރާއީލުގެ ލީޑަރުން ދުށް ގޮތުގައި އެ ދައުލަތުގެ ދެމިއޮތުމަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކަލެވެ. ހިއްސާވަނިވި އެއް ދުޝްމިނެއް ފެންނަން އޮތުމަކީ އިސްރާއީލާއި ފަރަންސޭސިވިލާތުގެ މެދުގައި ނިއުކުލިއާ ޕްރޮގުރާމުގައި އެއްބާރުލުންދިނުމަށް މަގުފަހިކުރި މައިގަނޑު ސަބަބެވެ. 

މި ގުޅުން ބައްޓަންކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ފަހުން އިސްރާއީލުގެ ބޮޑުވަޒީރުކަންވެސް ކުރި ޝިމޯން ޕެރޭޒެވެ. އެންމެ 29 އަހަރުގައި 1953 ވަނަ އަހަރު އިސްރާއީލުގެ ދިފާއީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ ހަވާލުވި ޝިމޯން ޕެރޭޒްގެ މައިގަނޑު މަސައްކަތަކަށް އޮތީ ފަރަންސޭސި ދިފާއީ ދާއިރާގެ މަތީ ފަންތީގެ ވެރިންނާ ގުޅުން ބަދަހިކުރުމެވެ. މިކަމުގައި އޭނާ ޖަވާބުދާރީވާންޖެހޭ ހަމައެކަނި މީހަކީ ބޮޑުވަޒީރު ބެން-ގޫރިއަންއެވެ. 

ޕެރޭސްގެ މަސައްކަތްތަކުގެ ނަތީޖާއަކަށްވީ 1958 ވަނަ އަހަރު ސިއްރިއްޔާތުގައި އިސްރާއީލާއި ފަރަންސޭސިވިލާތުގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވުމެވެ. މި އެއްބަސްވުމަށް ޑިމޯނާ އެގްރިމެންޓޭ ކިޔެއެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލަށް 26 މެގަވޮޓުގެ ނިއުކުލިއާ ރިސާޗް ރިއެކްޓަރެއް ފޯރުކޮށްދީ، ޕްލުޓޯނިއަމް ޕްރޮސެސްކުރާ ޕްލާންޓެއް ގާއިމުކޮށްް، އެ ޕްލާންޓު ފަރުމާކޮށް ބިނާކުރުމަށް ފަރަންސޭސި ސައެންސްވެރިންނާއި އިންޖިނިއަރުން ފޮނުވމާއެކު، އިސްރާއީލުގެ ނިއުކުލިއާ ސައެންސްވެރިންނަށް ފަންނީ ތަމްރީނު ފޯރުކޮށްދޭން ފަރަންސޭސިވިލާތުން އެއްބަސްވިއެވެ. 

މި އެއްބަސްވުން އޮތީ ސިއްރުކޮށްފައެވެ. ޑިމޯނާގައި ގާއިމުކުރި އުމްރާނީ ވަސީލަތްތައް އިސްރާއީލުން ސިފަކުރަމުންދިޔައީ "ޓެކްސްޓައިލް ފެކްޓަރީ"އެއް ނުވަތަ އަންނައުނު އުފައްދާ ކާރުހާނާއެއްގެ ގޮތުގައެވެ. ފަރަންސޭސިވިލާތުގެ އެހީގައި ގާއިމުކުރެވުނު ނެގެވް ނިއުކުލިއާ ރިސާޗް ސެންޓަރ (އެންއެންއާރްސީ) ނުވަތަ މަޝްހޫރު ނަމުންނަމަ ޑިމޯނާ ކޮމްޕްލެކްސް ވެގެންދިޔައީ އިސްރާއީލުގެ ނިއުކުލިއާ ހަތިޔާރު ޕްރޮގުރާމުގެ ހިތަށެވެ. 

އެމެރިކާއަށް ފަޅައިއެރުމާއި ހާރިޖީ ގުޅުމުގެ ކާރިސާ 

ޑިމޯނާ ނިއުކުލިއާ ފެސިލިޓީ ވަންހަނާކޮށްގެން ފޮރުވައިގެން ގެންގުޅުން މުސްތަހީލުކަމަކަށްވެ، 1960 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން އެތަނުގެ މައުލޫމާތު އިސްރާއީލުގެ އެއިރުގެ ރައީސް އައިޒެންހަވާއާ ހިއްސާކުރިއެވެ. އެކަމުގައި އައިޒަންހަވާގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ފިޔަވަޅެއް ނާޅުއްވައެވެ. 

އައިޒަންހަވާއަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތް ޖޯން އެފްް ކެނެޑީގެ ވިސްނުންފުޅު ތަފާތެވެ. މެދުއިރުމަތީގައި ނިއުކުލިއާ ހަތިޔާރު ފެތުރުމަކީ ނުވަތަ އާއްމުވުމުގެ ފުރުސަތު ބޮޑުކަމަށް ދެކެވަޑައިގެން، އިސްރާއީލުން ނިއުކުލިއާ ހަތިޔާރު އުފައްދައިފިނަމަ އަރަބި ގައުމުތަކުން އެފަދަ ހަތިޔާރު ހޯދުމަށް ކުރަމުން އައި މަސައްކަތްތައް އިތުރަށް ހަލުއިކުރާނެ ކަމުގައި ގަބޫލުކުރެއްވޭތީ އިސްރާއީލުގެ ނިއުކުލިއާ ޕްރޮގުރާމާ ވަރަށް ބޮޑަށް ކެނެޑީ ދެކޮޅުހެއްދެވިއެވެ. 

1961 ވަނަ އަހަރާއި 1963 ވަނަ އަހަރާ ދެމެދުގައި އެތައް ފަހަރެއްގެ މަތިން ކެނެޑީވަނީ ބެން-ގޫރިއަންއަށް ސިޓީ ފޮނުއްވައި، ޑިމޯނާ ފެސިލިޓީއަށް ވަދެ އެތަނުގެ ކަންކަން ކައިރިން ބެލުމުގެ ފުރުސަތު އެމެރިކާއަށް ދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ ގުޅުމާމެދު ދެވަނަ ވިސްނުންފުޅަަކަށް ވަޑައިގެން އެމެރިކާއިން ފޯރުކޮށްދެމުންދިޔަ އަސްކަރީ އަދި އިގުތިސާދީ އެހީތައް މެދުކަނޑައިލައްވަން ވިސްނަވާކަން ބެން-ގޫރިއަންއަށް އެންގެވިއެވެ. 

ކެނެޑީގެ ސިޓީފުޅުތަކަކީ އާއްމު ޑިޕްލޮމެޓިކް ބަހުރުވައަށްވުރެ މާ ސާފު ސީދާ މެސެޖުތަކެއް އެކުލެވޭ ސިޓީތަކެކެވެ. ޖަވާބުގައި އިސްރާއީލުން ކަންކުރި ގޮތަކީ އޮޅުވައިލުމާއި މަކަރު ހެދުމުގެ ލާމަސީލު ނަމޫނާތަކެކެވެ. އެގޮތުން އެމެރިކާގެ ބައެއް ސައެންސްވެރިންނަށް ޑިމޯނާއަށް ޒިޔާރަތްކުރުމަށް ހުއްދަދޭން ބެން-ގޫރިއަން އެއްބަސްވިއެވެ. ނަަމަވެސް 1961 ވަނަ އަހަރު އެމެރިކާގެ ސައެންސްވެރިން ކުރި ޒިޔާރަތުގައި އެމީހުންނަށް ދައްކައިލީ ނުނިމިހުރި ތަނެކެވެ. ނިއްވާލައި ބޭނުންނުކޮށް ބަހައްޓާފައި ހުރި އާލަތްތަކެވެ. ނަަތީޖާއެއްގެ ގޮތުން އެތަން ބަލަންދިޔަ އެމެރިކާގެ އިންސްޕެކްޓަރުން ކެނަޑީ އަރިހުގައި ދެންނެވީ ޑިމޯނާއަކީ މަދަނީ ބޭނުންތަކަށް ނިއުކުލިއާ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ފެސިލިޓީއެއް ކަމަށެވެ. 

ނަމަވެސް އިސްރާއީލުން ދެއްކި މަންޒަރަކީ ސައްހަ މަންޒަރެއްކަމަށް ކެނެޑީ ގަބޫލުނުކުރެއްވިއެވެ. ކެނެޑީގެ ޕްރެޝަރު ބޮޑުވެ ބެން-ގޫރިއަންއާއި ކެނެޑީގެ މެދުގައި އޮތް ގުޅުން ގޯސްވާން ފެށުމުން ބޮޑުވަޒީރުގެ މަގާމުން ބެންގޫރިއަން އިސްތިއުފާ ދިނެވެ. ބައެއް މުއައްރިހުން ދެކޭ ގޮތުގައި އެ އިސްތިއުފާގެ ބޭނުމަކީ ކެނެޑީއާ ކުރިމަތިލުމުން ސަލާމަތްވެ ނިއުކުލިއާ ޕްރޮގުރާމު ކުރިއަށްގެންދެވޭނެ ހިމޭން ރާސްތާއެއް ހޯދައިދިނުމެވެ. 

1963 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ކެނެޑީ އަވަހާރަކޮށްލެވުމާއެކު، އިސްރާއީލުގެ ނިއުކުލިއާ ޕްރޮގުރާމަށް އެމެރިކާގައި ދެކޮޅު ލީޑަރެއް ނެތިވީއެވެ. ކެނެޑީއަށްފަހު އެމެރިކާގެ ރިޔާސަތަށް ވަޑައިގެންނެވި ލިންޑަން ޖޯންސަން ނިއުކުލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް ކެނެޑީ ދެއްވި މިންވަރުގެ ސަމާލުކަމެއް ނުދެއްވައެވެ. އަދި އޭނާއަކީ ކެނެޑީއަށްވުރެ މާ ބޮޑަށްވެސް އިސްރާއީލާ ގާތް ބޭފުޅެކެވެ. 

ހަތިޔާރު އުފެއްދުން؛ 1967 ހަ ދުވަހުގެ ހަނގުރާމަ 

ޑިމޯނާ ރިއެކްޓަރުން 1960 ގެ ކުރީ ކޮޅުގައި ޕްލޮޓޯނިއަމް އުފައްދަން ފެށިއެވެ. އަދި އެކި ގޮތްގޮތުން އިސްރާއީލުން ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔުރޭނިއަމް ހޯދިއެވެ. އެގޮތުުން ސުލްހަވެރި ބޭނުންތަކަަށް ކަމަށް ބުނެ 1959 ވަނަ އަހަރު ނޯވޭއިން ބަރު ފެނުގެ 20 ޓަނު އިސްރާއީލުން ގަތެވެ. މިއީ ޑިމޯނާގައި ހުރި ރިއެކްޓަރު ހިންގަން ބޭނުންކުރުމަށާއި، ޕްލުޓޯނިއަމް އުފެއްދުމަށްް ބޭނުންކުރާ ފެނެކެވެ. 

އޭގެ އިތުރަށް 1960ގެ ކުރީ ކޮޅުގައި އާޖެންޓީނާއިން ޔުރޭނިއަމް އޯ އިސްރާއީލުން ގަތެވެ. ނަމަވެސް ޔުރޭނިއަމް ހޯދުމާއި ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަރުހަލާގަައި އިސްރާއީލަށް ކުރެވޭ އެންމެ ބޮޑު އެއް ތުހުމަތަކީ 1960 ގެ ކުރީ ކޮޅުގައި އެމެރިކާގެ ޕެންސަލްވީނިއާގައި ހުންނަ ނިއުކްލިއާ މެޓީރިއަލްސް އެންޑް އިކުއިޕްމެންޓްސް ކޯޕަރޭޝަނުން މުއްސަނދިކޮށް ރައްކާކޮށްފައި ހުރި 100 ކިލޯގެ ޔުރޭނިއަމް ވަގަށް ނެގުމުގެ ތުހުމަތެވެ. އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި 100 ކިލޯ ޔުރޭނިއަމް ގެއްލުނުކަން ރެކޯޑުތަކުން ކަށަވަރުވާއިރު، ސީއައިއޭގެ ކުރީގެ ބައެއް ވެރިން ތުހުމަތުކުރައްވާ ގޮތުން އެތަކެތި ވަގަށް ނަގައިގެން ގެންދިޔައީ އިސްރާއީލަށެވެ. 

ޖޫން، 1967 ވަނަ އަހަރު ހަ ދުވަހުގެ ހަނގުރާމަ ފެށުނުއިރު އިސްރާއީލުގައި މަދު އަދަދަކަށް ނިއުކުލިއާ ހަތިޔާރު ހުރިކަަމަށް ބެލެވެއެވެ. ބައެއް މަސްދަރުތަކުން ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި އިސްރާއީލުގައި އެ ވަގުތު ދެ ނިއުކުލިއާ ބޮން އޮތެވެ. 

މިހާރު ހާމަކޮށްފައިވާ ކުރިން ސިއްރު ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އިސްރާއީލަށް އެ ހަނގުރާމައިގައި ކާރިސީ ބައްޔެއް ކުރިމަތިވެއްޖެ ހާލަތެއްގައި ނިއުކުލިއާ ހަތިޔާރު ބޭނުންކުރުމަށް އެ ގައުމުގެ ކުރީގެ ދިފާއީ ވަޒީރު މޯޝެ ޑަޔާން ނިންމިއެވެ. އެ ހަތިޔާރު ބޭނުންކުރެވޭ ހާލަަތަށް ގެނެސްް ތައްޔާރަށް ބެހެއްޓިކަމަށް ރިޕޯޓުތައް ބުނެއެވެ. 

ނަމަވެސް ހަ ދުވަހުގެ ހަނގުރާމާގައި އިސްރާއީލަށް ލިބުނު ކާމިޔާބާއެކު އެ ހަތިޔާރު ބޭނުންނުކޮށް ފަރުޖެހުނެވެ. މިއީ އިސްރާއީލުގައި ނިއުކުލިއާ ހަތިޔާރު ހުރިކަން ހުޅަނގުގެ ބާރުތަކަށް ކަށަވަރުވި ހާދިސާއެވެ. ނަމަަވެސް އިތުރަށް އެކަން ކަށަވަރުވީ ވިސްލްބްލޮވަރއެއް އިސްރާއީލުގެ ނިއުކުލިއާ ޕްރޮގުރާމާ ގުޅޭ ގިނަ ސިއްރުތަކެއް ހާމަކުރުމުންނެވެ. 

މޮޑެކައި ވަނުނޫ ހާމަކުރި ކަންކަން 

އިސްރާއީލުން ހިންގަމުން އައި ނިއުކުލިއާ ޕްރޮގުރާމުގެ ތަފުސީލީ ގިނަ މައުލޫމާތުތަކެއް އާއްމުވީ މޮރޮކޯއަށް އުފަން އިސްރާއީލު ޓެކްނީޝަނެއް ކަމުގައިވާ މޮޑެކައި ވަނޫނޫ ނިއުކުލިއާ ޕްރޮގުރާމުގެ ބައެއް ހަގީގަތްތައް ފަޅާއަރުވައިލުމުންނެވެ. ނިއުކުލިއާ ޕްރޮގުރާމާމެދު އޭނާ ނުރުހުނީ ޔަހޫދީ ދީން ދޫކޮށް ނަސާރާ ދީނަށް ވަނުމަށްފަހު، އިއުތިގާދީ ގަބޫލުކުރުމެއްގެ ގޮތުގައި ނިއުކުލިއާ ޕްރޮގުރާމާމެދު އުފެދުނު ޝައްކުތަކުގެ ސަބަބުންނެވެ. 1986 ވަނަ އަހަރު ސިއްރިއްޔާތުގައި ވަނޫނޫ ޑިމޯނާ ފެސިލިޓީގެ އެތެރޭގެ ބައެއް މަންޒަރުތައް ފޮޓޯ ނެގިއެވެ. އޭނާ ފޮޓޯ ނެގި ސަރަހައްދުކަމަށްވާ މެކޯން-2 އަކީ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ސަރަހައްދެވެ. އޭނާ އެ ފޮޓޯތައް ވިއްކައިލީ ސަންްޑޭ ޓައިމްސްއަށެވެ. 

ވަނޫނޫ ފަޅާއަރުވައިލި ފޮޓޯތަކާއި އޭނާގެ ފަންނީ ހެކިބަހުން އެނގޭ ގޮތުގައި އިސްރާއީލުގައި އެއިރު ރިސާޗް ރިއެކްޓާއެއްގެ އިތުރަށް ޕްލުޓޯނިއަމް އުފައްދައި ޕްރޮސެސްކުރެވޭނެ ގާބިލުކަން ހުރި ފެސިލިޓީތައް ހުއްޓެވެ. އަދި ބިމު އަޑީގައި ހިންގަމުންއައި މެކޮން-2 ފެސިލިޓީގައި ކެމިކަލްތައް ވަކިކުރާ ޕްލާންޓަކައި، ރޭޑިއޯ އެކްޓިވް މާއްދާތައް ގެންގުޅެން ހާއްސަ އަންގިތަކާއި، ނިއުކުލިއާ ބައިތައް ގުޅުވުމަށް ބޭނުންވާ ހާއްސަ އާލާތްތައް ހުއްޓެވެ. 

ވަނޫނޫގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ނިއުކުލިއާ ދާއިރާގެ މާހިރެއް ކަމުގައިވާ ފްރޭންކް ބާނަބީ އަންދާޒާކުރައްވާ ގޮތުން 1986 ގައި އިސްރާއީލުންވަނީ 100 އާއި 200 އާ ދެމެދުގެ ނިއުކުލިއާ ވޯހެޑް އުފައްދާފަައެވެ. 

ސަންޑޭ ޓައިމްސް ނޫހުން ވަނޫނޫގެ ވާހަަކަތަކުގެ މައްޗަށް ބިނާކޮށް ލިޔުނު ލިޔުން ހާމަކުރީ 1986، އޮކްޓޯބަރު 5 ވަނަ ދުވަހުއެވެ،. 

އަމިމުތު؛ ތެދުނުކޮށް، ދޮގުނުކޮށް އަބަދީ ވަހުމުގެ ހާލަތު ދެމެހެއްޓުން 

ނިއުކުލިއާ ހަތިޔާރުގެ ދާއިރާއިން އިސްރާއީލުން އުފައްދާފައިވާ އެންމެ އީޖާދީ ފިކުރެއްގެ ގޮތުގައި މުފައްކިރުން ފާހަގަކުރައްވަަނީ އެ ގައުމުގެ ނިއުކުލިއާ ސިޔާސަތުކަމަށްވާ އަމިމުތު ނުވަތަ އިބްހާމުގެ ސިޔާސަތެވެ. ނިއުކުލިއާ ހަތިޔާރު ހުރި އެހެން ގައުމުތަކާ ހިލާފަށް އިސްރާއީލުން ނިއުކުލިއާ ހަތިޔާރު ހުރިކަން އިއުލާނުނުކުރެއެވެ. އަދި ނިއުކުލިއާ ނޮން ޕްރޮލިފެރޭޝަން މުއާހަދާގައި ބައިވެރިވެސްނުވެއެވެ. 

މި ސިޔާަސަތަކީ 1960 ގައި އިސްރާއީލުގެ އެއިރުގެ ބޮޑުވަޒީރު ލެވީ އެޝްކޯލްއާއި އޭނާގެ މުސްތަޝާރުން ގަސްތުގައި އުފެއްދި ސިޔާސަތެކެވެ. މައިގަނޑު ގޮތެއްގައި މި ސިޔާސަތު އުފެއްދީ އެމެރިކާއިން އެއިރު އިސްރާއީލަށް ކުރިމަތިވަމުން އައި ފިއްތުންތަކުގެ ސަބަބުންނެވެ. 

މި ސިޔާސަތުގެ އިސްތިރާޖީ ބޭނުންތަކުގެ ތެރޭގައި ރުޅިއެރުވުމެއް ނެތި ނިއުކުލިއާ ގާބިލުކަން އިތުރުކުރުމާއި، ރަސްމީކޮށް ނިއުކުލިއާ ހަތިޔާރު ހުރިކަން އިއުލާނުކޮށްފިނަމަ އިސްރާއީލުގެ ބައިވެރިން ކަމުގައިވާ އެމެރިކާއާއި ހުޅަނގު ޔޫރަޕުގެ ގައުމުތަކުން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ފަސޭހަވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު