ENGLISH
01 ޖޫން 2026
ވޭޕު މަނާކުރުމާއި ދުންފަތާ ދެކޮޅު ފިޔަވަޅުތަކުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރޭ
01 ޖޫން 2026
|
ރާއްޖޭގައި ވޭޕް މަނާކުރުމުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާކަމަށް ސަރުކާރުން ބުނެފައިވޭ
އެންމެ މަޤްބޫލު
ވޭޕް މަނާކުރުމާއި، ދުންފަތުން ދިވެހިން ސަލާމަތްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާކަމަށް ސަރުކާރުން ބުނެފިއެވެ.
އިއްޔެ ދުންފަތް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވޭޕް މަނާކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތައް ކުރާކަމަށް ބައެއް މީހުން ދައްކާ ވާހަކަތަަކާ ގުޅޭ ގޮތުން، އެމްއެމްޓީވީން ސުވާލުކުރިއެވެ.
އެ ސުވާލުގެ ޖަވާބުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވީ 2025 ވަނަ އަހަރަކީ ވޭޕް މަނާކުރުމުގެ ފިޔަވަޅު ސަރުކާރުން ތަންފީޒުކުރި އަހަރަކަށްވާއިރު، އެ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގައި އަންދާޒާކުރި މިންވަރަށް ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.
އިތުރަށް އިހުސާނު ވިދާޅުވީ ގައުމީ ސަލާމަތާ ގުޅިގެން އަޅާ ބައެއް ފިޔަވަޅުތަކާއި ސިއްހީ ކަންކަމުގައި އަަޅާ ބައެއް ފިޔަވަޅުތަކާ ގުޅިގެން އެކަންކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމުގައި އަބަދުވެސް ވާހަކަދެކެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ބައްޓަންވެފައި އޮތް ގޮތުން ފެންނަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ގައުމީ ސަލާމަތާ ގުޅިގެން އަދި ސިއްހީ ދުޅަހެޔޮކަމާ ގުޅިގެން ނިންމާ ނިންމުންތަކަށް އިހުތިރާމުކޮށް އެ ނިންމުންތައް ބަލައިގަންނަ މަންޒަރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ގިނަ ފަހަރަށް މިބާވަތުގެ ކަންކަމާއި ސެކިއުރިޓީ ރިލޭޓެޑް ކަންކަން ޕާސީވްްކުރޭ ރާއްޖޭގައި މިކަންކަމުން އަންނާނީ ގޯސް އިމްޕެކްޓެއްކަމަށް ޓޫރިޒަމަށް. ނަމަވެސް އަޅުގަނޑަށް ހީވަނީ މި ޑެސްޓިނޭޝަނުގައި ކަންކަން ތަރުތީބުކުރެވިފައި ހުރި ގޮތަށް ބަލާއިރު، ރާއްޖެއަށް އަންނަ ޓޫރިސްޓުން ރެސްޕެކްޓުކުރޭ އަޅުގަނޑުމެންގެ މި ސްޓެންޑާޑްތަކަށް މިގައުމުގައި އަޅުގަނޑުމެން ނަގާ މި ބާވަތުގެ ޑިޒިޝަންތަކަށް،" އިހުސާން ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު ނިމިދިޔަ އަހަރާއި މި އަހަރު ފަތުރުވެރިން އައި އަދަދުތަކުން ވޭޕް މަނާކުރުމާއި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރިކަމަށް ގަބޫލުނުކުރެއްވޭ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ނިންމުމަކީ ރާއްޖޭގެ ޒުވާނުންގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއް ވޭޕުގެ ޒަރީއާއިން މަސްތުވާތަކެތި ބޭނުންކުރުމާއި އެއަށް ދެވިހިފުމުގެ ތެރެއަށް ވަނުމުގެ ބިރު ބޮޑުވެފައިވަނިކޮށް އެކަމުން ޒުވާނުން ސަލާމަތްކުރުމަށް އެޅިގެންދިޔަ މުހިއްމު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.