ENGLISH
01 ޖޫން 2026
ތާރީހީ ނިންމެވުމެއް؛ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހުރިހާ މިނިސްޓްރީއަކުން ހާމަކުރަނީ
01 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމަށް ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މި ހަފުތާ ނިމުމުގެ ކުރިން ހާމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި މަދުވެގެން އަހަރަކު އެއްފަހަރު ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތަކެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާގެ ދައުރާއި މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބުތަކުގެ ތަފުސީލާއި، ރައްޔިތުންނަށް ސީދާ ގިތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާއި، ދައުލަތުގެ އެ އިދާރާއިން ހިންގާކަމަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އުސޫލުގެ ތަފުސީލާއި އެހައިތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތަފުސީލު ފަދަ ގިނަ މުހިއްމު މައުލޫމާތުތަކެއް ހިމެނެއެވެ.
މި ގާނޫނަށް އަމަލުކުރާތާ 12 ވަރަކަށް އަހަރުވެފައިވާއިރު، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާއްމުކުރަންޖެހޭ މައުލޫމާތުތައް އެގޮތުގައި އާއްމުކުރަމުންނުދާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ. އަދި އެ ޒިންމާ އަދާނުކުރެވޭކަން އެކި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެވުނަސް، އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު ހާމަކުރުމުގެ މަސައްކަތް އޮތީ ނުކުރެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރުމުގެ މަސައްކަތް މިހާރު ވުޒާރާތަކުން އަންނަނީ ކުރަމުންނެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ވުޒާރާތަކުގެ ތެރެއިން ހަތަރު ވުޒާރާއަކުން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށް، އެ ވުޒާރާތަކުން ގާނޫނުގައި ބަޔާންކުރާ މިންވަރަށް އަމިއްލަ އިސްނެގުމުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފައިވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިހާރު އެ ވުޒާރާތަކަށްވަނީ އަންގާފައެވެ.
"ދެން ހުރި މިނިސްޓްރީތަކުންވެސް ގާތްގަނޑަކަށް ނިމެމުންދަނީ. މިބަލަނީ މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ މިނިސްޓްރީއަކުންވެސް ހަންޑްރެޑް ޕަސެންޓު އެޗީވްކުރެވޭތޯ، އެ މައުލޫމާތުތައް ޕަބްލިޝްކޮށް ނިންމަން.،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ވުޒާރާތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޖަވާބުދިނުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މުއްދަތު އޮތް އާރްޓީއައިތަކަށް މުއްދަތުގެ ތެރޭގައި ޖަވާބުދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، މުއްދަތު ހަމަވެފައި ހުރި ހުރިހާ އާރްޓީއައިތަކަށް މުއްދަތުގެ ތެރޭގައި ޖަވާބުދީ ނިންމައިލެވޭނެ ކަމުގައި ވިދާޅުވިއެވެ.