ENGLISH
01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓްގައި ސޮއިކުރުން މާދަމާ
01 ޖޫން 2026
|
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރުން މާދަމާ އޮންނާނެ.
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުން މާދަމާ އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު ގައެވެ.
ކޮމިޝަނުން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތައް ސޮއިކުރައްވަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކުރައްވައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ.
މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ.
މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގަ އެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު އަދި ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ މައި ދެޕާޓީގެ ކެންޑިޑޭޓުން ނެވެ. އެގޮތުން ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. ސައީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ.
ދެން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދެ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ.