ENGLISH

01 ޖޫން 2026

Advertisement

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭ ވަސީލަތްތައް ގާއިމުކޮށް، ނަމާދަށް ވަގުތުކޮޅެއް ހުސްކުރުން ލާޒިމުކުރަނީ

01 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއެކު، ބަންގި ގޮވުމުން ނަމާދުކުރުމަށް ވަގުތުކޮޅަކަށް ކުޅިވަރު ކުޅުން މެދުކަނޑައިލުން ލާޒިމުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ތެރޭގައި އުޅޭއިރު ނަމާދު ގަޑިޖެހިގެން ގޮސް ގަޑި ފާއިތުވާއިރުވެސް ކުޅިވަރު ކުޅުމުގެ ތެރޭގައި އުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވީ ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި އެކަން ހިނގަމުންދަނީ އެހެން ކަމަށެވެ.

މިހާރު ސަރުކާރުން އަޅާފައި ހުރި ކުޅިވަރުގެ އެކި ފެސިލިޓީތަކުގައި ޒަމާނީ ވަސީލަތްތަކާއެކު ނަމާދުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ގާއިމުކުރެވޭ ތަންތަނުގައި ވުޟޫކުރެވޭނެ ގޮތްވެސް ހަމަޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު މާލޭގައި އެންމެ ގިނައިން ކުޅިވަރު ކުޅުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގައިވެސް ވުޟޫކޮށް ނަމާދުކުރެވޭނެ ގޮތެއް ނުހުރެއެވެ. 

އެހެންކަމުން ކުޅިވަރު އެކުވެންޏާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި ވުޟޫކުރެވޭނެ ގޮތާއެކު ޒަމާނީ ފެންވަރުގައި ނަމާދުކުރެވޭނެ ވަސީލަތްތައް ގާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ހުރިހާ މަޝްރޫއެއްގައިވެސް އެ ވަސީލަތްތައް ގާއިމުކުރުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ. 

"މާފަންނު ސްޓޭޑިއަމުގައި ނަމާދުކުރާ ފެސިލިޓީ ގާއިމުކުރުމާ ހުރިހާ ކަމެއް ނިމިގެންދާނެ. ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެކި ކަހަލަ ކުޅިވަރު ފެސިލިޓީތައް އެޅިގެންދާއިރު އެގޮތަށް އެކަން ހަމަޖެހިގެންދާނެ. އެނގިވަޑައިގަންނަވާނެ މިހާރު ސްޕޯޓްސް މިނިސްޓްރީން ސޮއިކޮށްފައި ބައެއް ފަރާތްތަކާ ހަވާލުކޮށްފައި އެބަހުރި އެކި ކަހަލަ ކުޅިވަރު ކުޅޭ ތަންތަން އަޅަން ހަވާލުކޮށްފައި،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ރައީސް ވިދާޅުވީ ބަންގި ގޮވާ ވަގުތުން ފެށިގެން ނަމާދުކުރެވޭ ވަރުގެ ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރެއް މެދުކަނޑައިލުން ލާޒިމުވާ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ނިންމެވުންތައް އެމަނިކުފާނު ނިންމަވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖޭގައި އަމަލީ ގޮތުން ކަންކަން ހިނގަންޖެހޭނީ އެ ހަގީގަތާ އެއްގޮތްވާ ގޮތަށް ކަމުގައި ދެކެވަޑައިގަންނަވާތީއެވެ. 

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެމަނިކުފާނު އިއުލާނުކުރެއްވި ގޮތަށް ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި މިފަދަ ވަސީލަތްތައް ގާއިމުކުރެވިގެންދާނެކަމަަށް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު