ENGLISH
01 ޖޫން 2026
މަޖިލީހުގެ ނައިބުރައީސްކަމަށް ޕީއެންސީން ސަލީމު، އެމްޑީޕީން ޒިޔާދު
01 ޖޫން 2026
|
މަޖިލީހުގެ ނައިބުރައީސްކަމަށް ޕީއެންސީން ހުށަހެޅީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ނަންފުޅު، ފޮޓޯ: ރައްޔިތުންގެ މަޖިލީސް
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމަށް ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އަދި އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަންފުޅު ހުށަހަޅައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ފަރާތުން ސަލީމުގެ ނަންފުޅު ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހެވެ. އަދި މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް ޒިޔާދުގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއެވެ.
މަޖިލީހުގެ ނައިބުރައީސް އިންތިހާބުކުރާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އެ ވޯޓުގެ ކަންކަން ކުރިއަށްގެންދިއުމަށް މަޖިލީހުގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިހާބުކޮށްފައިވެއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މެންބަރު ހުސްނީ މުބާރިކާއި މެންބަރު އަހްމަދު ޒަމީރާއި، މެންބަރު ޑރ.އަނާރާ ނައީމާއި، މެންބަރު އިބްރާހީމް ނާޒިލު އަދި އަމިއްލަ މެންބަރެއްގެ ގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނެވެ.
މިގޮތަށް ކޮމިޓީ އެކުލަވައިލުމަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހެވެ. ފަލާހުގެ ހުށަހެޅުއްވުމަށް އަބްދުއްލަތީފު މުހައްމަދު ތާއީދުކުރެއްވިއެވެ. އަދި އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ނައިބުރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އެ މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ތާވަލުކުރެވިފައިވަނިކޮށް ނާޒިމު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.