ENGLISH
20 އޭޕްރީލު 2025
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މަޢުރޫފް ޖަމީލް ހަމަޖައްސަވައިފި
22 ޑިސެމްބަރު 2024
|
އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލު-- ފޮޓޯ/ ހީއެންޝީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އާ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، މުޙައްމަދު މަޢުރޫފް ޖަމީލު، މިއަދު އައްޔަންކުރައްވައިފިއެވެ.
ހުޅުމާލެ ފުރަތަމަ ޕްލޭންކޮށް އެ ތަން ހިއްކަން ފެށި ދުވަސްވަރުން ފެށިގެން އިސްދައުރެއް އަދާކުރެއްވި މަޝްހޫރު އާކިޓެކްޓް، މަޢުރޫފް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވިކަން ހާމަކުރެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ.
އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލެ ތަރައްޤީކުރުމާއި ބެހޭ ޔުނިޓު ރައީސް އޮފީހުގެ ދަށުން ހިންގެވި ދުވަސްވަރު އެ ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާފައިވާ މަޢުރޫފު ވަނީ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރ ކަމާއި ހައުސިން ޑިފެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސް މަގާމުތައް އަދާކުރައްވައިފައެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމަށް ފުރަތަމަ އުފެއްދެވި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން ވެސް މަސައްކަތް ކުރެއްވީ މަޢުރޫފެވެ. އެޗްޑީސީން މަޢުރޫފް ވަކިވެވަޑައިގަތީ ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށެވެ.
ރާއްޖޭގެ އިހުގެ މިސްކިތްތަކުގެ ހިރިގަލު ވަޑާން ވެސް ދިރާސާ ކުރައްވާ، މަޢުރޫފްގެ 30 އަހަރަށްވުރެ ދިގު ކެރިޔަރުގައި، ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާ އަދި ރާއްޖޭގެ ހައުސިންގ އަދި ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަގުނަ މަސައްކަތެއް ކޮށްދެއްވާފައިވެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިޢުފާ ދެއްވީ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ފުލުހުން މިހާރު ކުރިއަށް ގެންދާ ތަޤީޤު މިނިވަންކަމާ އެކު ކުރިއަށް ގެންދިއުމަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.