ENGLISH

30 މޭ 2026

Advertisement

ފުރާތު ކޯރުގެ ފެންގަނޑު ބޮޑުވެ ސީރިއާއަށް ގެއްލުންތަކެއް

30 މޭ 2026

|

އައިމިނަތު ޝަފާ

ފުރާތު ކޯރުގެ ފެންގަނޑު ބޮޑުވެ ލިބެމުންދާ ގެއްލުންތައް. ފޮޓޯ؛ ސަންއާ މީޑިއާ

ފުރާތު ކޯރުގެ ފެންގަނޑު ބޮޑުވެ ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ސީރިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ދައިރުއްޒޫރު އަދި ރައްގާ ޕްރޮވިންސްގެ ތެރެއިން ދެމިގެންދާ ފުރާތު ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް އުފުލި ދައިރުއްޒޫރުގެ 2,400 އަށްވުރެ ގިނަ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ދައިރުއްޒޫރުގެ ރަށްފުށުގެ ސަރަހައްދުތަކާއި ސިޓީތަކުގައި ހުރި ބައެއް ފާލަންތައް ފެނުގެ އަޑިއަށް ގޮސްފައިވާއިރު ދަނޑުބިންތަކަށާއި ގޯތިގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާލަތާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކާއި، ސިވިލް ޑިފެންސް ޔުނިޓްތަކުން ދަނީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން ނެވެ. 

ފުރާތު ކޯރުގެ ފެންގަނޑު އާދަޔާ ހިލާފަށް ބޮޑުވެ ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާއު ވަނީ ހުކުރު ދުވަހު އެ ސަރަހައްދަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވާފަ އެވެ.

ސީރިއާއާ އަވަށްޓެރި ތުރުކީވިލާތުން ދޫކުރާ ފެން އިތުރުވުމާއި، ފަހަކަށް އައިސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފުރާތު ކޯރުގެ ފެންގަނޑު ނުރައްކާތެރި މިންވަރަކަށް އުފުލެމުންދާާތީ، ސޫރިޔާގެ ހަކަތައާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު އެކަމުގެ އިންޒާރު ވެސް ދިނެވެ. އަދި ތުރުކީގެ ސަރަހައްދުގައި ހުރި ފުރާތު ކޯރުގެ ޑޭމްތައް ހުޅުވާލުމުގެ ސަބަބުން ވެސް ރައްޔިތުންނަށް ނުރައްކަލާ ކުރިމަތިލާންޖެހުނެވެ. 

ތުރުކީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެ ގައުމުގެ އަތާތުރްކް ޑޭމްގެ ފެންގަނޑު އުފުލުމުގެ ސަބަބުން، ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކޮންޓްރޯލް މިންވަރަކަށް ދަނީ ފެން ދޫކުރަމުން ނެވެ. އަތާތުރްކް ޑޭމަކީ ކަރަންޓު އުފެއްދުމާއި ދަނޑުވެރިކަމުގެ ބޭނުމަށް ތުރުކީން ބިނާކޮށްފައިވާ އެންމެ ބޮޑު އެއް ޑޭމެވެ.

ތުރުކީގެ މީޑިއާތަކުން ބުނީ ސީރިޔާއާ ވީ ފަޅީގައި ހުރި އަތާތުރްކް ޑޭމްގައި ފެން ރައްކާކުރެވޭ މިންވަރު ފުރިފައިހުރުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދަކަށް ފެން ދޫކުރަން ހަމަޖެހިފައިވާކަމަށެވެ.

ހުޅަނގު އޭޝިއާގައި އޮތް އެންމެ ދިގު ކޯރަކީ ފުރާތު ކޯރެވެ. ގާތްގަނޑަކަށް 2،700 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ކޯރު ތުރުކީވިލާތުގެ އިރުމަތީގެ ސަރަހައްދުތަކުން ފެށިގެން ސީރިޔާއާއި އިރާގުގެ ތެރެއިން ދެމިގެންގޮސް، ދިޖުލަތު ކޯރުން އިރާނާ ގުޅިފައިވެއެވެ.

ފުރާތު ކޯރު މިހާރު ވަނީ ނުރައްކާތެރި ހާލަތެއްގަ އެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުންނާއި ކޯރުގެ ވަށައިގެން ޑޭމްތައް ބިނާކުރުމުގެ ސަބަބުން، ކޯރުގެ ފެން ހުރި މިންވަރު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު