ENGLISH
30 މޭ 2026
ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ހާއްސަ ވެކްސިން ކެމްޕޭނެއް ފަށަނީ
30 މޭ 2026
|
އެންމެ މަޤްބޫލު
މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި ހިމަބިހީގެ ވެކްސިންނުގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކޮށް ބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމެވެ. މިހާތަނަށް މާލެ ސަރަހައްދުން ހިމަބިއްހީގެ ނުވަ ކޭސްއެއް ފެނިފައިވެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ނުރައްކާ އޮތް މީހުންގެ އަދަދު މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ބަލި ޖެހުނު މީހުންނާ ގާތްކޮށް އުޅުނު މީހުން ދެނެގަތުމާއި އެމީހުން ޓެސްޓްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ބަލި ޖެހުނު މީހުން ދިރިއުޅޭ ގޭބިސީތަކުގައި ތިބި މީހުންނާއި، އެމީހުންނާ ގާތްކޮށް އުޅުނު މީހުންނަާް މިހާރު ވެސް ވެކްސިން ދެމުންދާ ކަމަށް ނާޝިޔާ ވިދާޅުވި އެވެ.
ނާޝިޔާ އިތުރަށް ވިދާޅުވި ގޮތުގައި، ހިމަބިހީގެ ވެކްސިނުގެ ދެ ޑޯޒް ފުރިހަމަނުކުރާ ހުރިހާ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ނެވެ. އަދި މީގެ އިތުރުން ރާއްޖެއަށް އިތުރު ވެކްސިން ގެނައުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާ ކަމަށް ވެސް ވިދާޅުވި އެވެެ.
" ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސްއަށް އަޅުގަނޑުމެން ވެކްސިން އެބަދެން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ ދެ ޑޯޒް ފުނިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ،". ނާޝިޔާ ވިދާޅުވި އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވާކަން ނާޝިޔާ ފާހަގަކުރެއްވި އެވެ.
ހިމަ ބިއްސަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ.
ހިމަބިހިން ރައްކާތެރިވުމަށް ކުއްޖާގެ އުމުރުން ނުވަ މަހުގައި މަހުގައި އެމްއާރު ވެކްސިން އަންނަނީ ދެމުން ނެވެ. އެމްއާރު ވެކްސިން އަކީ ހިމަބިހި އަދި ރުބެއްލާ އިން ރައްކާތެރިކޮށްދޭ ވެކްސިނެކެެެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން އެމްއާރު ވެކްސިން އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން މިހާރު ދެމުން ގެންދެ އެވެ.