ENGLISH

30 މޭ 2026

Advertisement

ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީގެ އަގު ވަޒަންކުރަން: ރައީސް

30 މޭ 2026

|

އައިމިނަތު ޝަފާ

ސްކައުޓް އެވޯޑް ދެއްވުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ގައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީއާއި، މުޤާބިލުގައި އެއްވެސް އުޖޫރައެއް ބަދަލެއް ހޯދުމެއްނެތި ދަރުމައަށް ކޮށްދެމުންދާ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.

ރައީސްވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވައި އެ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކުގައި ޝުކުރު ދަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ވޯލްޑް ސްކައުޓް ބެޖު އެރުވުމުގެ ތެރެއިން. 

ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރައްވައި  މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއްކަމަށް ރައީސް ވިދާޅުވި އެވެ. ކޮންމެ ސްކައުޓެއްގެ ކިބައިން ފެނިގެންދާ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަމަށެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމެއް ކަމަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރީތި ނަމޫނާ ސްކައުޓުންގެ ފަރާތުން މިހާތަނަށްވެސް ފެނިފައިވާކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޤައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއްނެތި ޤައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައެވެ،". ރައީސް ވިދާޅުވި އެވެ.

ސްކައުޓުންގެ ހިތްތަކުގައިވާ އިންސާނިއްޔަތަށް އަދި ހިލޭ ސާބަހަށް ޚިދުމަތް ކުރުމާއި، ކަންކަމުގައި އިސްނެގުމާއި، ހުޝިޔާރުކަމާއި، ހިންގުންތެރިކަމުގެ ރޫޙަކީ، މުޅި މުޖުތަމަޢަށް ދައްކައިދޭ ހަރުދަނާ ނަމޫނާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. 

ސްކައުޓް އެވޯޑް ދެއްވުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ރައީސް ވަނީ އެމަނިކުފާނުގެ ތައުލީމީ ހަޔާތްޕުޅުގައި ސްކައުޓުން ލިބުނު ފިލާވަޅުތަކުގެ ހަނދާން އައު ކުރައްވާފަ އެވެ. 

"އަޅުގަނޑުގެވެސް ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އަޅުގަނޑު އެޅި ކޮންމެ ފިޔަވަޅެއްގައި އަޅުގަނޑަށް މަގު ދައްކައިދިން ކަންކަމެވެ. އެއީ، ކަބް ސްކައުޓް މޮޓޯގައި ބުނާ " ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯގައި ބުނާ "ބީ ޕްރިޕެއަރޑް" ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެނުވި ތަޖުރިބާތަކެކެވެ. އެއީ، އެފަދަ ތަޖުރިބާތަކަކަށް އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވެފައިވާ ތަޖުރިބާ ތަކެއްކަން އަޅުގަނޑަށް ޔަޤީނެވެ. އެހެންކަމުން، ސްކައުޓް ހަރަކާތްފަދަ ހަރަކާތްތަކަކީ، އޭގެ ގޮތުގައި އޭގެ އަޞްލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއްނެތެވެ،". ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޚިޠާބު ނިންމަވާލެއްވީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އެ އެސޯސިއޭޝަނަށާއި، ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ޝާމިލުވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށް ދެއްވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު