ENGLISH
20 އޭޕްރީލު 2025
"ޙާލު ކިހިނެއް" ޕްރޮގްރާމް ރ. މީދޫ އަދި ހުޅުދުއްފާރުގައި ކުރިއަށް ގެންގޮސްފި
22 ޑިސެމްބަރު 2024
|
އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: މިނިސްޓްރީ
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމު ރ. މީދޫ އަދި ހުޅުދުއްފާރުގައި ފަށައިފިއެވެ.
މި ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ރ. މީދޫ އަދި ހުޅުދުއްފާރުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރުމުގެ ނިޒާމާއި، ޕްރޮސީޖަރ ކުރިއަށްދާނެ ގޮތާއި، އާއިލީ ވެއްޓެއްގައި ކުދިން ގެންގުޅުމުގެ މުހިންމުކަމަށް އަލިއަޅުވާލައި އާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މިއީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން
ރ. މީދޫ އަދި ހުޅުދުއްފާރުގެ ގެތަކަށް ޒިޔާރަތް ކޮށްފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން، ރ. އިނގުރައިދޫ، ކިނޮޅަސް އަދި ފައިނުގެ ހުރިހާ ގޭބީސީތަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ހޯދުމަށް އެދޭ ފަރާތްތަކުން މިނިސްޓްރީގެ ނަމްބަރު 1433 އަށް ގުޅުއްވައިގެން އެހީތެރިކަމަށް އެދެވޭނެއެވެ.