ENGLISH
29 މޭ 2026
އަޟްޙާ ޢީދުގެ އުފަލުގައި ބޭއްވި ޢީދު ހަވީރުގެ ހަރަކާތްތައް ނިމުމަކަށް
29 މޭ 2026
|
އެންމެ މަޤްބޫލު
މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރި ކުޅިވަރުތައް، މިއަދު ހަވީރު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދިޔަ މި "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 11 އެސްއޯއީއަކުން ބައިވެރިވެފައި ވެއެވެ. ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދިޔައީ އީދުގެ ތިން ދުވަހުގެ ހަވީރު 16:00އިން 18:00އަށެވެ.
މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އީދު ދުވަހުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މިގޮތުން، މި ސަރަހައްދުގައި ވޯޓާ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިން ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖައްސައިދިނެވެ. މީގެ އިތުރުން މާލޭގައި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދީފައިވެއެވެ.
ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އީދު ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައި ބާއްވާފައިވެއެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންކުރުމާއި، ވޯޓާ ސްލައިޑިންއާއި، ފޯމް ބާތް ޕޫލްގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ.
ފޭސް2ގެ ހިޔާޕާކުގައި އޮތް ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންކުރުމާއި، ފަޔާ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑާއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، ވެސް އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކޮށްފައިވެއެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވި އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ، އެފްޑީސީ، އަދި ޕީއެސްއެމް ހިމެނެ އެވެ.