ENGLISH

29 މޭ 2026

Advertisement

އޭޝިއާ ކަޕް ސާބާ ކޮލިފައިން: ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓްބޯޅަ ޓީމު ތިންވަނަ މަޤާމު ހޯދައިފި

29 މޭ 2026

|

މުޙައްމަދު އަދުހަމް

ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ބާސްކެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓްބޯޅަ ޓީމު ތިންވަނަ މަޤާމު ހޯދައިފިއެވެ.

މި މެޗުން ރާއްޖެ މޮޅުވީ 62-59 އިންނެވެ.

މިއީ މި ފަހަރުގެ ކޮލިފައިންގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި ދެވަނަ ފަހަރެވެ. މީގެކުރީން، މި ދެ ޓީމު ބައްދަލުކުރި މެޗުން ބަންގްލަދޭޝް މޮޅުވީ 88-48 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ސްރީ ލަންކާގެ ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި ކުޅުނު މެޗު ފެށިގެން ނެގި ލީޑު ފިޔަވައި، ބަންގްލަދޭޝް އަށް ފުރަތަމަ ކުއާޓާގައި ރާއްޖޭގެ މައްޗަަށް ކުރި ހޯދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިމުނީ 20-12 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ކުއާޓަރާ ހިލާފަށް ދެވަނަ ކުއާޓާގައި ބަންގްލަދޭޝް ފެށީ ވަރުގަދަކޮށެވެ. އެގޮތުން، މި ކުއާޓާގެ ކުރީކޮޅު ބަންގްލަދޭޝް އިން ކާމިޔާބުކުރި ޕޮއިންޓްތަކާއެކު 21-20 އިން ލީޑުނެގިއެވެ. ނަމަވެސް، އޭގެފަހުން ރާއްޖޭން ގާތްގާތުގައި ވައްޓާލި ޕޮޓުތަކުން 25-21 އިން ކުރިހޯދައި، ލީޑުނެގިއެވެ. އެކަމަކު، ރާއްޖެ އަށް މި ލީޑުގައި ހިފެހެއްޓޭގޮތްނުވެ، ބަންގްލަދޭޝް އިން މި ކުއާޓާ ނިންމާލީ 33-29 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ތިންވަނަ ކުއާޓާގައި ވެސް ބަންގްލަދޭޝްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން މި ކުއާޓާ ނިންމާލީ 49-47 އިން ލީޑުގައި އޮވެގެންނެވެ. އެހެންނަމަވެސް، މެޗުގެ ދެވަނަ އަދި ތިންވަނަ ކުއާޓާއާ ހިލާފަށް ފަހު ކުއާޓާގައި ރާއްޖޭން ވަނީ ތަފާތު ހިތްވަރެއް ދައްކާ، ކުރީކޮޅު ކާމިޔާބުކުރި ޕޮޓްތަކާއެކު 51-49 އިން ލީޑުނަގައިފައެވެ. އަދި، ރާއްޖޭން މި ލީޑު ފުޅާކުރަމުންގޮސް ނިންމާލީ 62-59 އިން ކުރީގައި އޮވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ އިއާން ޝިހާމް އެވެ. އޭނާ ވަނީ 14 ޕޮއިންޓް އެއްކޮށްފައެވެ.

ބަންގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން ޓީމު ހޯދި މި މޮޅަކީ، މި ފަހަރުގެ ކޮލިފައިންގައި މި ދެ ޓީމު ކުރީން ކުޅުނު މެޗުގެ ނަތީޖާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު