ENGLISH
29 މޭ 2026
ދޮޅު ކިލޯ ޑްރަގާއެކު ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް އިތުރު 30 ދުވަސް
29 މޭ 2026
|
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު. ފޮޓޯ؛ފުލުހުން
އެންމެ މަޤްބޫލު
ރާއްޖެއަށް ދޮޅު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ އާމިނަތު ރޫނާއާއި އޭނާއާއެކު ހައްޔަރުކުރި އަލްޔާ ޝަރްސާ ނަސީރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ، ކ. ތުލުސްދޫ، އާބިޖިލީހިޔާ، އާމިނަތު ރޫނާ (29އ) އަދި ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) އެވެ.
އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން މިފަހަރު ނިންމީ 30 ދުވަހުގެ މުއްދަތަށެވެ.
ރޫނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ އޭނާ 15 ދުވަހަށް ބަންދުކުރިއިރު، މި މަހުގެ 3 ވަނަ ދުވަހު ވަނީ 25 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ، ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މުއާމަލާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރީ ރޫނާއެވެ. އޭނާގެ ބެލުމުގެ ދަށުން ރާއްޖެއަށް ދަތުރުކުރި މީހެއްގެ ފޮށިން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، އޭނާ ދިރިއުޅޭ ގެއިން ފެނުނު ތަކެއްޗާއި ފުލުހުންގެ 'ކޮންޓްރޯލް ޑެލިވަރީ' އޮޕަރޭޝަންގައި ބޭނުންކުރި ތަކެއްޗާ ގުޅުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ އަލްޔާ ޝަރްސާ ނަސީރުގެ ދަތުރުފަތުރުގެ މައުލޫމާތަށް ބަލާއިރު، އޭނާއަކީ ގިނަގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާގެ ފޯނުން މި މައްސަލައާ ގުޅޭ ހެކިތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި އަލްޔާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ، އޭނާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.
މި ދެ މީހުންގެ މައްޗަށްވެސް ކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރިކުރުމުގެ ބޮޑެތި ތުހުމަތުތަކެކެވެ.
ފުލުހުން ކުރިން ބުނެފައިވަނީ އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 1.820 ކިލޯ ހުރި ކަމަށެވެ. ނަމަވެސް ފަހުން އެއީ 1.5 ކިލޯކަން ވަނީ ޔަގީންކޮށްފައެވެ.
ރާއްޖޭގެ ގާނޫނު ބުނާގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަކީ މިހާރު މަރުގެ ހުކުމް އަންނަވަރުގެ ކުށެކެވެ. މަރުގެ ހުކުމް ނުދެވޭ ހާލަތްތަކުގައި ވެސް މަސްތުވާތަކެތި އެތެރެކުރުމަކީ އުމުރަށް ޖަލަށްލުމާއެކު، 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.