ENGLISH

29 މޭ 2026

Advertisement

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ކަމަށް ބެލެވޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކަމަށް ބެލެވޭ ތަނެއް ބަންދުކުރުމަށްް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.

މިއީ މާލޭން ބޭރުން މިފަދަ ގޮތަކަށް ތަނެއް ބަންދުކުރަން ކޯޓުން އެންގި ފުރަތަމަ ފަހަރެވެ. 

އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދުކުރަން އަމުރުކޮށްފައިވަނީ، ޏ. ފުވައްމުލައް / ފުނާޑު، ގުލިސްތާނުގޭގެ ބައެކެވެ.

މި އަމުރު ނެރެފައިވަނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށެވެ.  

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށާއި އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު