ENGLISH

28 މޭ 2026

Advertisement

އީރާނުގެ ޑްރޯން އޮޕްރޭޝަނަކާ ގުޅިގެން އެމެރިކާއިން އަނެއްކާވެސް ހަމަލާދީފި

28 މޭ 2026

|

ހަނާން އަހުމަދު ނައީމް

އީރާނުގެ ޑްރޯން އޮޕްރޭޝަނަކާ ގުޅިގެން އެމެރިކާއިން ހަމަލާދިން. - ފޮޓޯ: ސީއެންއެން

އީރާނުގެ ޑްރޯން އޮޕަރޭޝަންގެ ސަބަބުން އެމެރިކާ ސިފައިންނާއި ހޮރްމޫޒް ކަނޑުއޮޅީގެ ވިޔަފާރި ބޯޓުފަހަރަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބުނެ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނުގެ ހަމަލާ ދޭ ހަތަރު ޑްރޯން ވައްޓާލައި، ފަސް ވަނަ ޑްރޯނެއް ފޮނުވާލަން ތައްޔާރުވަމުން ދިޔަ އައްބާސް ބަނދަރު ސިޓީގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ވަނީ ހަމަލާދީފައެވެ.

އެޕްރީލް ކުރީކޮޅު އެމެރިކާއިން ވަނީ އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމްކޮށް، އަމަލުކުރަން ފަށައިފައެވެ. ނަމަވެސް އެކި ފަހަރުމަތިން އެމެރިކާއިން އެ އެއްބަސްވުމާ ހިލާފުވެފައިވެއެވެ.

"މި ފިޔަވަޅުތަކަކީ ކޮންޓްރޯލް ކޮށްގެން، ހަމައެކަނި ދިފާޢީ ބޭނުމަށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް،" އެ އޮފިޝަލް ވިދާޅުވިއެވެ.

އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ބުނާ ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންގެ ކަނޑުގެ ބާރުން ވަނީ ކަނޑުއޮޅި ހުރަސްކުރަން އުޅުނު އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީ އެ ބޯޓު އަނބުރާ ފޮނުވާލައިފައެވެ.

އެ މަސްދަރުން ބުނާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ބަންދަރު ޢައްބާސް ވަށައިގެން ހުސް ބިމަށް ހަމަލާ ދިން ނަމަވެސް އެއްވެސް ގެއްލުމެއް ލިބި ނުވަތަ މީހަކު މަރެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހޮރްމޫޒް ކަނޑުއޮޅީގެ ޓްރެފިކް ހަމައަކަށް އެޅުވުމުގެ އެއްބަސްވުމެއް ހެދިފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން އާންމުކުރި ޚަބަރު ދޮގުކުރައްވާފައެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އެއްވެސް ގައުމަކަށް އެ ކަނޑުއޮޅި ކޮންޓްރޯލް ނުކުރެވޭނެއެވެ.

"އެއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދެއް، އޮމާން ވެސް އެހެން ހުރިހާ ބައެކޭ އެއްގޮތަށް އަމަލުކުރާނީ، ނޫނީ އެ ތަން ގޮއްވާލަން ޖެހޭނީ. އެ މީހުންނަށް އެކަން އެނގޭ، ރަނގަޅުވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތީ ކޮމިޓީގެ ރައީސް އިބްރާހީމް ޢަޒީޒީ ވިދާޅުވީ ޓްރަމްޕުގެ ވާހަކަތަކުން އީރާނު ޔޫރޭނިއަމް ފައްކާކުރުމާއި ކަނޑުއޮޅީގެ ބާރު ހޯދުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ޑިމާންޑްތަކުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މި ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު