ENGLISH

27 މޭ 2026

Advertisement

ރައީސް، އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފި

27 މޭ 2026

|

އައިމިނަތު ޝަފާ

ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ރައީސް އޮފީސް

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމުގައި ފާހަގަ ކުރައްވާފައި ވެއެވެ. އަދި އެމަނިކުފާނާ އެކުގައި، ދިވެހި ސަރުކާރާއި، ރާއްޖޭގެ ރައްޔިތުންވެސް، އެޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާ، އަޚްވަންތަ ރައްޔިތުންނަށް މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުއްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

އަދި މި ޢީދާ ގުޅިފައިވާ ރޫޙާނީ މުހިއްމު ކަމުގެ މައްޗަށް ބައްލަވާ ލައްވައި، ޢީދާއެކުގައިވާ، އަޅުކަމުގެ އަގުތަކާ، ޤުރްބާން ކުރުމާ، އެއްބައިވަންތަކަމާ އަދި ރަޙްމަތުގެ ސަބަބުން، މުސްލިމު އުއްމަތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި މި މަތިވެރި މުނާސަބަތުގެ ސަބަބުން، ދުނިޔޭގެ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކުގެ ޙާލަތު ދެނެގަތުމާ، އަޅާލުމާ، އަދި އެއްބައިވަންތަކަން ބަދަހިވެގެން ދިޔުމަށާ، ޙައްޖުގެ އަޅުކަން އަދާކުރަމުން ގެންދަވާ އެންމެހާ ޙައްޖާޖީންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން އަދި އަމާންކަމާއި ސަލާމަތްކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަފައި ވެއެވެ.

މެސެޖުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމުތަކުގެ ލީޑަރުންނަށް، ދުޅަހެޔޮ ޞިއްހަތަކަށާއި ފާގަތިކަމަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

އަދި، މި މުނާސަބަތުގައި އެބޭފުޅުންނަށް، އިތުރު ކުރިއެރުމާއި، އުފާވެރިކަން މިންވަރު ކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު