ENGLISH

27 މޭ 2026

Advertisement

"ޢީދު ހަވީރު 1447" ގެ ހަރަކާތްތައް މިއަދު ފަށަނީ

27 މޭ 2026

|

އައިމިނަތު ޝަފާ

"ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުން.

"ޢީދު ހަވީރު 1447" ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާނެ އެވެ.

މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަޑށް ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގަ އެވެ. މިގޮތުން، މި ސަރަހައްދުގައި ވޯޓާ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިން ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ އެވެ. މީގެ އިތުރުން މާލޭގައި މާދަމާ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. 

ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް ދޭއްގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިން ކުރުމާއި، ވޯޓާ ސްލައިޑިން އާއި، ފޯމް ބާތް ޕޫލްގެ ހަރަކާތްތައް ކުރިއަށްދާނެ އެވެ. ފޭސް ދޭއްގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިން ކުރުމާއި، ފަޔާ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑާއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ހުޅުމޭލެ ސެންޓްރަލް ޕާކުގައި މިތިން ދުވަހު ވެސް އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ.

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، މިއަދުން ފެށިގެން މި މަހުގެ 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު" ގައި ރެޕަލިން ކުރުމުގެ ފުރުޞަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެ އެވެ. 

ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، ޢީދުހަވީރު އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ އަދި އެފްޑީސީ ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު