ENGLISH

20 އޭޕްރީލު 2025

Advertisement

މިނިވަންކަމާއެކު ތަހުޤީޤު ހިންގުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެޗްޑީސީގެ އެމްޑީ ފަޒުލް އިސްތިޢުފާ ދެއްވައިފި

21 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މިނިވަންކަމާއެކު ތަހުޤީޤު ހިންގުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިރޭ އިސްތިޢުފާ ދެއްވައިފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފަޒުލް ފޮނުއްވި ސިޓީގައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އޭނާ އިސްތިޢުފާ ދެއްވީ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ފުލުހުން މިހާރު ކުރިއަށް ގެންދާ ތަޤީޤަށް ފުރުސަތު ދިނުމަށް ބޭނުންވާތީ ކަމަށެވެ. އަދި އެޗްޑީސީގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދު އެކި ގޮތް ގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް ފަޒުލް ވަނީ އިންކާރު ކުރައްވައިފައެވެ.

ފަޒުލް ވިދާޅުވި ގޮތުގައި އޭނާ އެޗްޑީސީއަށް އައްޔަން ކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުޢާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުޢާމަލާތްތަކެކެވެ.

"އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަޤީޤަތްވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ." - ފަޒުލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

"ބިންވެރިޔާ" ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

އުސޫލުން ބޭރުން ގޯތިތަކެއް ދިން މައްސަލައިގެ ތުހުމަތުގައި ޖިނާޢީ ތަހުޤީޤެއް ފުލުހުން ފެށުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަޒުލް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް، އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް އިސްތިޢުފާ ދެއްވި އިރު އޭނާ ހިމެނޭ ގޮތުން، އެ ކުންފުނީގެ ޗެއާރމަން ފިޔަވައި، ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު