ENGLISH

27 މޭ 2026

Advertisement

ހުރަސްތަކާއެކުވެސް މަސްޖިދުލް އަޤްޞާގައި ގިނަ އަދަދެއްގެ މުސްލިމުން އީދު ނަމާދު ކޮށްފި

27 މޭ 2026

|

އައިމިނަތު ޝަފާ

މަސްޖިދުލް އަޤްޞާގައި އީދު ނަމާދުކުރުން.

ސަހުޔޫނީންގެ ހުރަސްތަކާއެކު ވެސް ގުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގައި ގިނަ އަދަދެއްގެ މުސްލިމުން އަޟްހާ އީދު ނަމާދު ކޮށްފި އެވެ. 

ވަފާ ނިއުސް އެޖެންސީން ބުނީ ފަލަސްތީނުގެ 140،000 އަށް ވުރެ ގިނަ މުސްލިމުން މިއަދު މަސްޖިދުލް އަޤްޞާގައި އީދު ނަމާދުކޮށްފައިވާކަމަށެވެ. 

އީދުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށް، ޔަހޫދީ ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގެ ރަށްތަކަށް ވަދެގަނެ، ވިޔަފާރިތައް މަޖުބޫރުން ބަންދުކުރުވައި އާންމުންނަށް އަނިޔާކޮށްފަ އެވެ. އަދި އީދު ނަމާދަށް ތައްޔާރުވަމުންދިޔައިރު ވެސް ގުދުސްގެ އެކި ހިސާބުތަކާއި މިސްކިތައް ވަންްނަން ދޮރޯށިތަކުގެ ކުރިމަތިން މުސްލިމުންނަށް ހުރަސްތައް ކުރިމަތިކޮށްފައިވެއެވެ.

މި ހުރަސްތަކާއެކުވެސް ގިނަ އަދަދެއްގެ ބަޔަކު މަސްޖިދުލް އަޤްޞާގައި އީދު ނަމާދު ކުރިއެވެ. 

މުސްލިމުންގެ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު އެއް މުނާސަބަތު ކަމަށްވާ މިއަހަރުގެ އަޟްޙާ އީދު ބައްދަލުކުރީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ހިލާފުވަމުންދާ ނުތަނަވަސް ދަނޑިވަޅެއްގަ އެވެ.

އަޤްޞާ މިސްކިތަކީ މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ ބިނާއަކަށްވާއިރު އިސްރާއީލުގެ އުދުވާނުގެ ކުރިމަތީގައި މުސްލިމުން ދަނީ އެމީހުންގެ މުގައްދަސް ބިން ހިމާޔަތްކުރުމުގައި ދެމިތިބޭނެކަން ދުނިޔެއަށް ސާބިތުކޮށްދެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު