ENGLISH
27 މޭ 2026
ދިވެހި މަސްވެރިކަމަށް ބޮޑު ކާމިޔާބެއް؛ އައިއޯޓީސީ ބައްދަލުވުމަށް ރާއްޖެއިން ހުށަހެޅި މުހިއްމު ހުށަހެޅުންތައް ފާސްވި
27 މޭ 2026
|
އައިއޯޓީސީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އެންމެ މަޤްބޫލު
ރާއްޖޭގައި ކުރިއަށްގެންދިޔަ އިންޑިޔަން އޯޝަން ޓޫނާ ކޮމިޝަނު (އައިއޯޓީސީ)ގެ ތިރީސްވަނަ ބައްދަލުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި މުހިއްމު ކަންކަން ފާސްކުރެވުނުކަަމަށާއި، އެއީ ރާއްޖޭގެ މަސްވެރި ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝިޔާމު ފާހަގަކުރެއްވި ގޮތަކީ މި އަހަރަކީ ފުރަތަމަ ފަހަރަށް ރާއްޖެއިން އައިއޯޓީސީގެ ޗެއާމަންކަން ކުރި ފުރަތަމަ އަހަރެވެ. އައިއޯޓީސީއަކީ ދުނިޔޭގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކޮމިޝަނަކަށްވާތީ، އެ ކޮމިޝަނުގެ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވި ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ނަސަންދުރާ ބާސެލޯގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ބައްދަލުވުމާއި، ބައްދަލުވުމުގެ ވަށައިގެން ކުރިއަށްގެންދިޔަ ހަވާސާ ހަރަކާތްތަކާއި ހުރިހާ މަސައްކަތްތަކެއްވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމައިލެވުނު ކަމަށެވެ.
މި ބައްދަލުވުމަށް ހަތް ހުށަހެޅުމެއް އެކި ގައުމުތަކުން ހުށަހެޅިއިރު، ރާއްޖެއިން ތިން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުންތައް ކޮމިޝަނުގެ ބައްދަލުވުމުގައި ފާސްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
އައިއޯޓީސީ ބައްދަލުވުމުގައި ރާއްޖެއިން އެންމެ ބޮޑަށް އިސްކަންދިނީ މިހާރުވެސް ރާއްޖެއަށް ބޮޑު ކަންނެލި ބޭނުމަށް ލިބިފައި އޮތް ކޯޓާ އެގޮތުގައި ދެމެހެއްޓުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެކަން މި ބައްދަލުވުމުގައި ހާސިލުކުރެވުނު ކަމަށެވެ. އަދި އެއީ ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
"ރާއްޖޭގެ ފަރާތުން މިފަހަރު އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ބެލި ކަމަކީ އިންޑިޔާ ކަނޑުން ބޮޑުކަންނެލި އެކި ގައުމުތަކަށް ބޭނާ މިންވަރު ކަނޑައެޅިގެންދިޔައިރު ދިވެހިރާއްޖޭގެ ޕޮޒިޝަން ދިފާއުކުރުން. ދިވެހިރާއްޖޭގެ ޕޮޒިޝަނަކީ މިހާރުވެސް އޮތް ކޯޓާގައި އަޅުގަނޑުމެން ދެމިތިބުން. އިރާދަކުރެއްވީތީ އެކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުވެގެންދިޔަ،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި ޖުމްލަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ތަރައްގީއަށް ސަރުކާރުން ރާވާފައި ހުރި ކަންކަން ކުރަމުންދާއިރު، އަދި ހާއްސަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަން އިތުރަށް ތަރައްގީކުރާއިރު ރާއްޖެއަށް ލިބިފައި އޮތް ކޯޓާ ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އޭގެ އިތުރަށް މަޑީގެ ބާވަތްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ހުށަހެޅި ހުށަަހެޅުންވެސް ފާސްވެގެންދިޔަކަމާއި މަސްވެރިކަމުގައި އެއްކުރެވޭ ޑޭޓާއާއި ތަފާސްހިސާބު ހަރުދަނާކޮށް ބަލަހައްޓައި މެންބަރު ގައުމުތަކުގައި ހިއްސާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ހުށަހެޅި ހުށަހެޅުންވެސް ފާސްކުރެވިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.